ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން 2027 ވަނަ އަހަރު ނިމޭއިރު 6 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދުމަށް ސަރުކާރުން އަމާޒުކުރާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިޤް އިބްރާހީމް ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިޤް ހާމަކުރެއްވި ގޮތުގައި، މި ލަނޑުދަނޑި ހާސިލްކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަޕްލޭންގައި ހިމެނޭ އެންމެ މުހިންމު ސިޔާސަތެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ވައިގެ މަގުން ދަތުރުފަތުރު ކުރުމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުވުމުން ރާއްޖޭގެ އިގްތިޞާދަށް ބޭރު ފައިސާ އިތުރަށް ލިބި، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ގުދުރަތީ ތިމާވެށްޓާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިޤް ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 80 ޕަސެންޓަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ބަލަން އަންނަ ބަޔަކު ކަމަށެވެ. މިކަމުން ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަވާ ކަމަށާއި، ކޮންމެ ދިވެހި ރައްޔިތަކުވެސް މި ޒިންމާ އުފުލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ތަރައްގީގެ މަޝްރޫއުތައް ރާވާ ތަންފީޒުކުރާއިރު ގުދުރަތީ މުއްސަނދިކަމަށް ގެއްލުން ނުލިބޭ ގޮތަކަށް ކަންކަން ކުރުމުގެ މުހިންމުކަންވެސް މިނިސްޓަރު އުފުލިހަރުކުރެއްވިއެވެ.
މިއަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ ލަނޑުދަނޑި ސަރުކާރުން ކަނޑައަޅާފައިވާއިރު، މި އަމާޒު ހާސިލްކުރުމަށް ރާއްޖެ ޕްރޮމޯޓްކުރުމުގެ ގިނަ ޙަރަކާތްތަކެއް ހިންގަމުންދާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. ހޮނިހިރު ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރާނެ ކަމަށް މިނިސްޓަރު ތޯރިޤް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ