ހަމާސް ބަލި ކުރުމަށް ކަމަށްބުނެ، ޣައްޒާގައި ހަރަކާތްތެރިވާ ގޭންގުތަކަށް އިސްރާއީލުން ހަތިޔާރު ފޯރުކޮށްދެނީ

ހަމާސް ބަލި ކުރުމަށް ކަމަށްބުނެ، ޣައްޒާގައި ހަރަކާތްތެރިވާ ގޭންގުތަކަށް އިސްރާއީލުން ހަތިޔާރު ފޯރުކޮށްދެނީ

Author
ހުސައިން
06 ޖޫން 2025 07:38
0

ޣައްޒާގައި ހަރަކާތްތެރިވާ ހަތިޔާރުތެރި ގޭންގުތަކަށް ހަމާސްއާ ދެކޮޅަށް މަސައްކަތްކުރުމަށް ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. އޭާ މިކަން ހާމަކޮށްފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 52 މީހުން ޝަހީދުވެފައި ވަނިކޮށެވެ.

އެކްސް (ކުރީގެ ޓްވިޓަރ) ގައި ޝާއިއުކުރި ވީޑިއޯ މެސެޖެއްގައި ނަތަންޔާހޫ ވިދާޅުވީ ސަލާމަތީ އޮފިޝަލުންގެ މަޝްވަރާގެ މަތިން ޣައްޒާގައި ނުފޫޒު ބޮޑު ގޭންގުތަކެއް ހަމާސްގެ ދެކޮޅަށް ބޭނުންކުރަމުންދާ ކަމަށެވެ. މިފަދަ ބަޔާނެއް ދެއްވީ ކުރީގެ ދިފާއީ ވަޒީރު އަވިގްދޯރް ލީބާމަން އިސްރާއީލުން މި ހަނގުރާމައިގައި ހަތިޔާރުއެޅި ގްރޫޕްތަކުގެ އެހީ ހޯދާ ކަމުގެ ތުހުމަތު ކޮށްފައިވަނިކޮށެވެ.

އިސްރާއީލުގެ ބްލޮކޭޑްގެ ސަބަބުން ޣައްޒާގައި ކާބޯތަކެތީގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާއިރު، އެހީގެ ސަޕްލައިތައް ބަހަމުންދާ ޓްރަކްތަކުން މުދާ ފޭރިގަތުމާއި ހަމަލާދިނުމުގެ ކަންކަން ހިންގަމުންދާ ކަމަށް އެހީ ދޭ ފަރާތްތަކުން ތުހުމަތުކުރަނީ މި ހަތިޔާރުތެރި ގްރޫޕްތަކުންނެވެ. އެހެންނަމަވެސް ނަތަންޔާހޫގެ ސަރުކާރުން ދަޢުވާކުރަނީ އެހީގެ ތަކެތި ވަގަށްނަގަނީ ހަމާސް ކަމަށެވެ. ހަމާސުން މި ތުހުމަތުތައް ދޮގުކޮށްފައިވާއިރު، ހަގީގަތް މިހާރު ވަނީ ހާމަވެފައެވެ.

އެސޯސިއޭޓެޑް ޕްރެސްގެ ރިޕޯޓުގައި ބުނާ ގޮތުން، ނަތަންޔާހޫ އިޝާރާތްކުރި ގްރޫޕްތަކުގެ ތެރޭގައި ރަފާ ސަރަހައްދުގެ ގަބީލާ ލީޑަރު ޔާސިރް އަބޫ ޝަބާބްގެ ޕޮޕިއުލާ ފޯސަސް ގޭންގު ހިމެނޭ ކަމަށް އިސްރާއީލުގެ އޮފިޝަލަކު ބުނެފައިވެއެވެ. މި ގްރޫޕްގެ މެންބަރުން އިސްރާއީލާއި އެމެރިކާގެ ސަޕޯޓާއެކު ހިންގާ އާ ޑިސްޓްރިބިއުޝަން ސެންޓަރުތަކަށް އަންނަ އެހީގެ ޝިޕްމަންޓްތައް ރައްކާތެރިކުރުމުގެ މަސައްކަތް ކުރާ ކަމަށް އަބޫ ޝަބާބް ގްރޫޕުން އިއުލާނުކޮށްފައިވެއެވެ.

ޣައްޒާގައި ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލާފައިވާ 2.1 މިލިޔަން މީހުންނަށް އަސާސީ ބޭނުންތައް ފުއްދައިދިނުމަށް އުފައްދާފައިވާ ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް) އާ ގުޅިގެން މަސައްކަތްކުރާ ކަމަށް އަބޫ ޝަބާބް ގްރޫޕުން ބުނެފައިވެއެވެ. މި ފައުންޑޭޝަންގެ އެހީ ބެހުމުގެ މަރުކަޒުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އިސްރާއީލާއި އެމެރިކާއަށް އެހީތެރިވާ ކަމަށް އެމީހުން އިއުތިރާފުވެފައިވެއެވެ. ޖީއެޗްއެފް އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއެކު ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އިސްރާއީލުގެ ކޮންޓްރޯލުގެ ދަށަށް ގެނައުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.

މި މައްސަލައާ ގުޅިގެން އިސްރާއީލުގެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ބުނެފައިވަނީ މިފަދަ މުހިންމު ނިންމުމެއް ނިންމުމުގައި ސަރުކާރާއި ކެބިނެޓާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަލްޖަޒީރާގެ ރިޕޯޓެއްގައި ބުނާ ގޮތުން އިސްރާއީލުގެ އާންމުންގެ ބޮޑު ބައެއް މި ސިޔާސަތާ ދެކޮޅު ކަމަށާއި، މިއީ ޣައްޒާގައި ހަރަކާތްތެރިވާ ކުށްވެރި ޖަމާއަތްތަކަށް ހަތިޔާރު ދިނުން ކަމަށް ފާޑުކިޔަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.