މިނާއަށް ދިވެހި 1000 ހައްޖާޖީން ވާސިލްވެއްޖެ؛ އަރަފާތަށް ދާން ތައްޔާރުވަނީ

މިނާއަށް ދިވެހި 1000 ހައްޖާޖީން ވާސިލްވެއްޖެ؛ އަރަފާތަށް ދާން ތައްޔާރުވަނީ

Author
ހުސައިން
04 ޖޫން 2025 01:37
0

އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ، މިއަހަރު ހައްޖަށް ދިޔަ ދިވެހި 1000 ހައްޖާޖީން މިހާރު ވަނީ މިނާއަށް ސަލާމަތުން ވާސިލްވެފައި ކަމަށެވެ.

ބުދަ ދުވަހު މިނިސްޓަރު ވިދާޅުވި ގޮތުގައި، ހުރިހާ ހައްޖާޖީންގެ ޞިއްޙީ ހާލަތު ރަނގަޅަށް ހުރި ކަމަށާއި، ބުދަ ދުވަހުގެ ރޭ ވަގުތެއްގައި އަރަފާތަށް ރަވާނަވާނެ ކަމަށެވެ.

ހައްޖު މިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަރަފާތުގައި ދިވެހި ހައްޖާޖީން ތިބޭނެ ޓެންޓުތައް ޖަހައި ނިމިފައިވާއިރު، އަންހެނުންނާއި ފިރިހެނުން ވަކިވަކިން ތިބޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. ހަމައެހެންމެ، އޮށޯވެލައި އަރާމުކުރަން ބޭނުންވާ ހައްޖާޖީންނަށް އެ ފުރުޞަތު ލިބޭނެ ގޮތަށް ގޮޑިތައް ވެސް ޖަހާފައިވާ ކަމަށް މިޝަނުން ބުނެފައިވެއެވެ.

ހައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމުގެ މަސައްކަތް ފާހަގަކުރަމުން، ހައްޖު މިޝަނުން ބުނެފައިވަނީ ހައްޖާޖީންނަށް ފަސޭހަވާނެ ހުރިހާ އިންތިޒާމެއް ހަމަޖައްސަމުންދާ ކަމަށެވެ. ޓެންޓު ސަރަހައްދުގައި އަމިއްލައަށް އުޅެވޭނެ ގޮތަށް ދިވެހިބަހުން ލިޔެފައިވާ ގައިޑްތައްވެސް ބަހައްޓާފައިވާ ކަމަށް މިޝަނުން ހާމަކޮށްފައިވެއެވެ.

މި އަހަރު ތަޢާރަފުކުރި މައްކާ ރޫޓު އިނީޝިއޭޓިވްގެ ސަބަބުން، ޖިއްދާ އެއާޕޯޓުގައި ހައްޖާޖީން ހޭދަކުރަންޖެހޭ ވަގުތު ކުރުވެ، ދަތުރުކުރުމަށް ބޮޑު ލުއިފަސޭހަތަކެއް ލިބިފައިވާ ކަމަށް ފާހަގަކުރެވެއެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ. ރާއްޖެއިން މި އަހަރުވެސް ހައްޖުގެ ފަރީޟާ އަދާކުރުމަށް ފުރާފައިވަނީ 1000 މީހުންނެވެ. މިނާއަށް ވާސިލުވުމާއެކު، ހައްޖުގެ މުހިންމު ރުކުނެއް ކަމުގައިވާ އަރަފާތުގައި ހުންނަވައި ދުޢާކުރުމަށް ހައްޖާޖީން މިހާރު ތައްޔާރުވަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.