ކޮންމެ ރަށަކުންވެސް، ޙައްޖަށްދާ މީހުންނަށް ބޭނުންވާ މެޑިކަލް ހިދުމަތް ހިލޭ ލިބޭގޮތް ހަދަނީ

ކޮންމެ ރަށަކުންވެސް، ޙައްޖަށްދާ މީހުންނަށް ބޭނުންވާ މެޑިކަލް ހިދުމަތް ހިލޭ ލިބޭގޮތް ހަދަނީ

Author
ހުސައިން
03 ޖޫން 2025 08:07
0

ޙައްޖަށް ދާއިރު ބޭނުންވާ މެޑިކަލް ކަންތައްތައް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ހިލޭ ފުރިހަމަ ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މައްކާ މުކައްރަމާގައި ދިވެހި ޙައްޖާޖީން ތިބޭ ހޮޓަލުގައި މިއަދު ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދުން ފެށިގެން ޙައްޖަށް ދާ ދިވެހިންނަށް ޑޮކްޓަރަށް ދައްކައި ނަގަންޖެހޭ ބޭސް ހިލޭ ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ޙައްޖަށް ދިއުމުގެ ކުރިން ޖަހަންޖެހޭ ވެކްސިން ތަކެއް ވެސް ކޮންމެ ރަށެއްގައި ތިބެގެން ހިލޭ ޖެހޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ޙައްޖުވެރިން ރާއްޖެއިން ފުރާއިރުން ފެށިގެން މުގައްދަސް ދަތުރު ނިމުމަށްފަހު އެނބުރި ރާއްޖެ އައުމާ ހަމައަށް ހުރިހާ ކަމެއް ފުރިހަމަ ގޮތުގައި ކޮށްދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަނުން ޙައްޖުވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން މިއަހަރުގެ ޙައްޖުވެރިންނަށް ކޮށްދެއްވާފައިވާ ޚާއްޞަ އިންތިޒާމުތައް ރައީސް ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖާޖީންނަށް ވަރަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމާއި، މިނާގައި ދިވެހި ޙައްޖުވެރިން ތިބުމުގެ އިންތިޒާމުތައް އަޕްގްރޭޑް ކޮށް، ޚިދުމަތުގެ ފެންވަރު ކުރީގެ އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް މަތިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ޙައްޖުވެރިންނަށް ޚާއްޞަ ކޮށްގެން ސިއްޙީ ކްލިނިކެއް ގާއިމުކޮށްދެއްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަޢޫދީ ސަރުކާރުން ދިވެހިންނާމެދު ދެކިވަޑައިގަންނަވަނީ ވަރަށް ގާތް އުޚުއްވަތްތެރި ގޮތަކުން ކަމަށާއި، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށެވެ. މިއީ ހުރިހާ ދިވެހިން އުފާކުރަންޖެހޭ ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ބައްދަލުވުމަށްފަހު ރައީސްގެ ދެކަނބަލުން ވަކިވަކި ޙައްޖާޖީންނާ ބައްދަލުކުރައްވައި، އެކި ކަންކަމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައި، ޙައްޖުވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.