ސައޫދީ ސަރުކާރުން ދިވެހި ހައްޖާޖީންނަށް ހަމަޖައްސަވާދެއްވި ލުއިފަސޭހަތަކަށް ރައީސްގެ ޝުކުރު!

ސައޫދީ ސަރުކާރުން ދިވެހި ހައްޖާޖީންނަށް ހަމަޖައްސަވާދެއްވި ލުއިފަސޭހަތަކަށް ރައީސްގެ ޝުކުރު!

Author
ހުސައިން
02 ޖޫން 2025 09:23
0

ދިވެހިރާއްޖެއާ ދޭތެރޭގައި ސައޫދީ އަރަބިއްޔާގެ ސަރުކާރުން ދެކިވަޑައިގަންނަވާ ގާތް ގުޅުމާއި، ދިވެހިންނަކީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ސައޫދީން ދެކިވަޑައިގަންނަވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ ސައޫދީ ރަސްގެފާނުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި މި އަހަރުގެ ހައްޖު އަދާކުރެއްވުމަށް މައްކާގައި ހުންނަވާ ރައީސް މުއިއްޒު، ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ހައްޖުވެރިންގެ ކަންކަން ފުރިހަމަ ކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންގެ ކަންކަން ގާތުން ބައްލަވައި، ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެ ކަމަށްވެސް ރައީސް ޔަގީންކަން ދެއްވިއެވެ.

މި އަހަރު ސައޫދީ ސަރުކާރުގެ އެހީތެރިކަމާއެކު ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މިނާގައި ދިވެހި ހައްޖުވެރިން ތިއްބަވާނެ ތަން ކުރީގެ އަހަރުތަކާ އަޅާބަލާއިރު ވަރަށް ފަސޭހަ ތަނަކަށް ބަދަލުކޮށް، މަތީ ފެންވަރަކަށް ސައޫދީ ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ ބައިވެރިވުމުން ހައްޖުވެރިންނަށް ލިބުނު ބޮޑެތި ފަސޭހަތަކުގެ ވާހަކަ ރައީސް ވިދާޅުވިއެވެ. މި އިންތިޒާމުގެ ދަށުން ޖިއްދާ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމިގްރޭޝަން ކިއޫގައި މަޑުނުކޮށް ސީދާ ހޮޓަލަށް ދެވޭނެ ގޮތް ހަމަޖެހިފައިވެއެވެ. ޖިއްދާ އެއާޕޯޓުގައިވެސް ދިވެހި ހައްޖުވެރިންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ހުރިހާ ފަސޭހަތަކަކަށްޓަކައި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ދިވެހި ރައްޔިތުންގެ ފަރާތުން ހާއްސަ ޝުކުރެއް ރައީސް މުއިއްޒު އަދާކުރެއްވިއެވެ. މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ހުރިހާ ކަމެއް ފަސޭހަވެ، ދިވެހި ހައްޖުވެރިންނަށް ހިތްހަމަޖެހޭ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް ރައީސް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.