ވަޒީފާގެ ފުރުސަތު ތަނަސް ކުރުމަށް "ހުނަރު" ޕްރޮގުރާމް ފަށަނީ

ވަޒީފާގެ ފުރުސަތު ތަނަސް ކުރުމަށް "ހުނަރު" ޕްރޮގުރާމް ފަށަނީ

Author
މުޙައްމަދު ޝަޒައިމް
03 ޖެނުއަރީ 2021 06:53
0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއިން ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ނަމުގައި 2018 ވަނަ އަހަރު ކުރިއަށްގެންދިޔަ ތަމްރީންކުރުމުގެ ޕްރޮގްރާމް މިއަހަރު އަލުން ފެށުމަށް ނިންމައިފިއެވެ.

ހުނަވަރު ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަވަރު ޕްރޮގްރާމް ގެ މަޤްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ. 2021 ވަނަ އަހަރުގެ ހުނަވަރު ޕްރޮގްރާމް ކުރިޔަށް ގެންދާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެނެވެ. ފުރަތަމަ ފިޔަވަހި ކުރިޔަށް ގެންދާނީ އެމްޓީސީސީއިން އުމްރާނީ ތަރައްޤީއާއި އިމާރާތްކުރުމުގެ ދާއިރާގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމަށެވެ. މިގޮތުން ހުނަވަރުގެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި މެޝިނަރީ އޮޕަރޭޓްކުރުމުގެ ޤާބިލްކަން ލިބިފައިވަ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެ ވޭނެއެވެ.

ހުނަވަރު 2021 ގެ ފުރަތަމަ ފިޔަވަހި ހާއްސަކޮށްފައިވަނީ ދެކުނުގެ ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. މި ޕްރޮގްރާމްގެ ދަށުން ތަމްރީން ދެވޭނީ އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ޓަގް، ބާޖު، ބަސް، ލޮރީ، ބުލްޑޯޒާ، އެކްސްކަވޭޓަރ، ކްރޭން، ލޮރީ، ރޯލާ، ޕޭވަރ، ލޯޑަރ އަދި ގްރޭޑަރު ފަދަ އުޅަނދުފަހަރާއި މެޝިނަރީ ދުއްވާ އޮޕަރޭޓްކުރުމަށެވެ. މި ތަމްރީންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން މިހިނގާ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު ފުވަމުލަކުގައި އަދި ޖަނަވަރީ 11 ވަނަ ދުވަހު އައްޑޫގައި އޯޕަންޑޭއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއޯޕަންޑޭގެ ތެރެއިން ތަމްރީންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިކަމަށް ޝައުޤުވެރިކަން ފާޅުކުރެވޭނެއެވެ.

ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބައިވެރިން ހޮވާ، ސައިޓްތަކުގައި 3 މަސް ވަންދެން ފަންނީ ތަމްރީން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިތަމްރީނަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކު 5000 ރުފިޔާ އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ. އަދި ތަމްރީން ފުރިހަމަ ކުރާ ފަރާތްތަކުން 1 އަހަރުގެ ބޮންޑެއްގެ ދަށުން އެމްޓީސީސީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެއެވެ.

2018 ވަނަ އަހަރު އެމްޓީސީސީއިން އިފްތިތާހުކުރި ހުނަވަރު ޕްރޮގްރާމަކީ ވަޒީފާގެ މާހައުލަށް ބޭނުންވާ މުހިންމު ބައެއް ދާއިރާތަކުން މީހުން ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި އެމްޓީސީސީއިން ތަޢާރަފްކުރި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެތެރެއިން ހެވީވެހިކަލް އޮޕަރޭޓްކުރުމާއި، ކަނޑުގައިދުއްވާ އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި، އިންޖިނިއަރިން، ވެލްޑިން، ޑްރެޖިން އަދި އެންވަޔަރމެންޓަލް ސާވޭއިންގެ ދާއިރާއިން ގިނަ ބައިވެރިންތަކެއް ތަމްރީނުކުރެވިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.