ފީނަން ދިޔަ ބައެއްގެ ޑިންގީގައި ލޯންޗަކުން ޖެހި 5 މީހުންނަށް އަނިޔާވެއްޖެ

ފީނަން ދިޔަ ބައެއްގެ ޑިންގީގައި ލޯންޗަކުން ޖެހި 5 މީހުންނަށް އަނިޔާވެއްޖެ

Author
ހުސައިން
21 މެއި 2025 09:01
0

ޅ. އަތޮޅުގައި ރޭ ދިމާވި ކަނޑުމަތީގެ ނުރައްކާތެރި އެކްސިޑެންޓެއްގައި ފީނަންދިޔަ 5 ޒުވާނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ، ގާއެރި ފަޅު ސަރަޙައްދުގައި ފީނަން އުޅުނު ޑިންގިއަކަށް ލޯންޗެއް ޖެހި މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 12:33 ގައެވެ. އަނިޔާވި މީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާއިރު، އެހެން 4 މީހުންނަށް ކުދި އަނިޔާތަކެއް ވެފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ވަގުތު ހުރިހާ ފަރާތްތަކަށްވެސް ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި، ބޮޑަށް އަނިޔާވި ފަރާތުގެ ހާލަތު ސްޓޭބަލްވެފައިވާކަމަށް ވެސް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައި ވެއެވެ. މި ހާދިސާގައި ޑިންގީ ވަނީ އިޢާދަ ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ފުލުހުންގެ ޓީމަކުން މިހާރު ދަނީ މިހާދިސާގެ ތަޙުޤީޤު ކުރިއަށް ގެންދަމުންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި މަހުގެ 12 ވަނަ ދުވަހު ނ. އަތޮޅުގެ ރިސޯޓެއްގެ ނެރު ކައިރީގައި ހިނގި އެހެން ހާދިސާއެއްގައި ފީނަން އުޅުނު މީހެއްގެ ގައިމައްޗަށް ލޯންޗެއްގެ ބުރަފަތިން ޖެހި، އެމީހާގެ އަތް ބުރިވެފައިވެއެވެ. އެ ފަރާތަށް މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.