ރާއްޖޭގެ ދުންފަތާއި ދެކޮޅަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޚާއްޞަ އެވޯޑެއް

ރާއްޖޭގެ ދުންފަތާއި ދެކޮޅަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޚާއްޞަ އެވޯޑެއް

Author
ހުސައިން
19 މެއި 2025 07:26
0

ރާއްޖޭގެ ދުންފަތާއި ދެކޮޅަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން ޑައިރެކްޓަރ ޖެނެރަލްގެ ޚާއްޞަ އެވޯޑު ދެއްވާފިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހާ ގުޅިގެން ކޮންމެ އަހަރަކުވެސް ޑަބްލިއުއެޗްއޯއިން ދުނިޔޭގެ 6 ސަރަޙައްދަކުން ވަކިވަކި ފަރުދުންނާއި މުއައްސަސާތަކުން ދުންފަތް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރެއެވެ. އެގޮތުން މިއަހަރު ދުނިޔޭގެ އެކި ޤައުމުތަކުން 36 ފަރާތަކަށް އެވޯޑު ދެވިފައިވާއިރު، ރައީސް މުޢިއްޒަށް ލިބިވަޑައިގެންފައިވަނީ ޑައިރެކްޓަރ ޖެނެރަލްގެ ޚާއްޞަ އެވޯޑެވެ. މި ޚާއްޞަ އެވޯޑު ލިބިވަޑައިގެންފައިވަނީ ރައީސް މުޢިއްޒާއި މޮރިޝަސްގެ ހެލްތު މިނިސްޓްރީއަށެވެ.

ދުންފަތް ކޮންޓްރޯލްކުރުމަށް ރައީސް މުޢިއްޒު އަޅުއްވާފައިވާ ފާހަގަކޮށްލެވޭ ފިޔަވަޅުތަކުގެ ތެރޭގައި ވޭޕް މަނާކުރެއްވުމާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރެއްވުން ހިމެނެއެވެ. މީގެއިތުރުން 2007 ވަނަ އަހަރާއި އޭގެފަހުން އުފަންވާ ފަރާތްތަކަށް ދުންފަތް މަނާކުރުމަށް، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު އިޞްލާޙުކުރެވިފައިވެއެވެ.

އިޞްލާޙުކުރެވުނު ޤާނޫނުގައި ދުންފަތުގެ ބާވަތްތައް ގަންނަ މީހާއަށް 21 އަހަރު ފުރިފައިވާކަން ޔަޤީންކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ގަންނަނީ 21 އަހަރުން ދަށުގެ މީހެއް ނުވަތަ ކުއްޖެއްކަމަށް ބެލެވޭނަމަ، އުމުރު ޔަޤީންކުރުމަށް އައިޑީކާޑު ނުވަތަ ޞައްޙަ ރަސްމީ ލިޔުމެއް ދެއްކުމަށް ވިޔަފާރިތަކުން އަންގަންޖެހޭނެކަމަށްވެސް އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް އަޅާފައިވާ މި ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯއިން މީގެކުރިން މަރުޙަބާ ކިޔާފައިވާއިރު، އެއީ "ޖެހިލުން ކުޑަ" ފިޔަވަޅުތަކެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.