ޖަޕާނު ސަރުކާރުން 2026 ވަނަ އަހަރަށް މެކްސްޓް ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި

ޖަޕާނު ސަރުކާރުން 2026 ވަނަ އަހަރަށް މެކްސްޓް ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
13 މެއި 2025 10:26
0

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އިޢުލާންކޮށްފައިވާ ގޮތުގައި، ޖަޕާނު ސަރުކާރުން 2026 ވަނަ އަހަރަށް މެކްސްޓް ސްކޮލަރޝިޕްގެ ފުރުސަތުތައް ހުޅުވާލައިފިއެވެ. މި ސްކޮލަރޝިޕް އަމާޒުކޮށްފައިވަނީ ބެޗްލަރސް، މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގެ ތަޢުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށެވެ.

ބެޗްލަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި 2021 ވަނަ އަހަރު ނުވަތަ އޭގެ ފަހުން އޯލެވެލްގެ 5 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައިވުން ހިމެނެއެވެ. އަދި 2023/2024 ގައި އޭލެވެލްގެ 3 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއްގެ އިތުރުން އިނގިރޭސި ބަހުގެ ފާހެއް ހާސިލުކޮށްފައި ހުންނަންވާނެއެވެ.

މަތީ ފެންވަރުގެ ކޯސްތައް ކަމުގައިވާ މާސްޓަރސް އަދި ޕީއެޗްޑީއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި އެފަރާތްތަކުން ކުރިން ހާސިލުކޮށްފައިވާ ޑިގްރީ ފުރިހަމަކޮށްފައިވުމާއެކު، އިނގިރޭސި ބަހުގެ ޓޯފެލް ނުވަތަ އައިލެޓްސް ފާސް ލިބިފައިވުން ޝަރުތު ކުރެއެވެ.

މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނީ 2 އޭޕްރިލް 2025 ގެ ނިޔަލަށް އުމުރުން 34 އަހަރު ނުވާ ފަރާތްތަކަށެވެ. މި ސްކޮލަރޝިޕްތަކަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 21 މެއި 2025 ވާ ބުދަ ދުވަހުގެ 18:00 ގެ ކުރިން https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. އަދި އެޕްލިކޭޝަން ފޯމު ސެޓްގެ 2 ކޮޕީ 22 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުމަށް އަންގާފައިވެއެވެ.

މީގެ އިތުރުން ޗައިނާގެ ޔުނާން ޔުނިވަރސިޓީއިން ސޮފްޓްވެއަރ އިންޖިނިއަރިންގ ދާއިރާއިން ސްކޮލަރޝިޕް ފުރުސަތުތަކެއް ހުޅުވާލާފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ވެސް ބެޗްލަރސް، މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގެ ކޯސްތަކަށް ފުރުސަތު އެބަހުއްޓެވެ. ޔުނާން ޔުނިވަރސިޓީގެ ސްކޮލަރޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން 15 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ ޗައިނާގެ ގަޑިން 23:59 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހެޅުމަށް އަންގާފައިވެއެވެ.

މި ސްކޮލަރޝިޕްތަކާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުންނާއި 1474 ނަންބަރު ފޯނުން ލިބެން ހުންނާނެކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.