ޔުނިވާސަލް ފައުންޑޭޝަނުން ސްކޮލާޝިޕްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ދެމުން އަންނަ ސްޓައިޕެންޑް ފައިސާ، ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ދޫކުރަން ނިންމައިފި އެވެ.
އެ ކުންފުނިން ދަރިވަރުންނަށް އިއްޔެ ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ، ރާއްޖޭގައި އަމަލުކުރަމުން އަންނަ ބޭރު ފައިސާގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސްކޮލާޝިޕްގެ ފައިސާ ޑޮލަރުން ދިވެހި ރުފިޔާއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ސްޓައިޕެންޑް ފައިސާ ޖަމާކުރެވޭނީ ދަރިވަރުންގެ ރުފިޔާ އެކައުންޓުތަކަށް ކަމަށްވާތީ، އެ އެކައުންޓުތަކުގެ ތަފުސީލު ހިއްސާކުރުމަށް ވެސް ވަނީ އެދިފަ އެވެ.
ޔުނިވަރސިޓީތަކަށް ދައްކަން ޖެހޭ ފީ އިންވޮއިސްގައިވާ ފައިސާއަކުން ނުވަތަ ޑޮލަރުން ދެއްކިދާނެ ކަމަށާއި، ނަމަވެސް ބޭންކުން ރުފިޔާއިން ޓީޓީ ހެދުމުގެ ހުއްދަދޭނަމަ، ފައިސާ ދައްކާނީ ކަނޑައެޅިފައިވާ އެކްސްޗޭންޖް ރޭޓަށް ބަލައި ދިވެހި ރުފިޔާއިން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނިން މި ބަދަލު ގެންނަން ނިންމީ، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ލިބޭ ފައިސާގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެންނެވެ.
ކޮމެންޓު ފޮނުވާ