ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު އައްޔަންކުރުމަށް ފާސްކޮށްފިއެވެ.
ބްރޯޑްކޮމްއަށް ދެ މެންބަރުން އައްޔަނުކުރުމަށް ދެ ފަހަރުމަތިން އިޢުލާންކުރެވުނެވެ. މީގެ ތެރެއިން ފުރަތަމަ އިޢުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން 10 ނަމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އޭޕްރީލް 23ގައި މަޖިލީހަށް ފޮނުއްވާފައިވެއެވެ. އަދި ދެވަނަ އިޢުލާނާ ގުޅިގެން އިސްކަންދެއްވާ ތަރުތީބުން ހަ ބޭފުޅެއްގެ ނަން މިއަދު ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައެވެ. މިއީ ބްރޯޑްކޮމްގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ޖޫން 14، 2025ގައި ހަމަވާތީއެވެ.
މިއަދު ކޮމިޓީން ދިރާސާކޮށްފައިވަނީ ފުރަތަމަ އިޢުލާނާ ގުޅިގެން ރައީސް ފޮނުއްވި ނަންތަކެވެ. އެ ނަންތަކުގެ ތެރެއިން 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބުނު ފަސް ބޭފުޅުންގެ ތެރޭގައި ޒީނާ ޒާހިރަށް ލިބިފައިވަނީ 85 އިންސައްތައެވެ. ދެން މަތީ މާކްސް ލިބިފައިވަނީ އާއިޝަތު ޝިޔާނާ (83 އިންސައްތަ)، ޝިމްލާ އަޙްމަދު (82 އިންސައްތަ)، މޫސާ ރިލްވާން (81 އިންސައްތަ) އަދި ޒަމްއަތު އަޙްމަދު ވަޙީދު (77 އިންސައްތަ) އަށެވެ.
އެހެންނަމަވެސް ކުރިން ރައީސް ފޮނުއްވި ލިސްޓުގައި އެންމެ އިސްކޮށް ހިމަނުއްވާފައިވަނީ އާއިޝަތު ޝިޔާނާގެ ނަމެވެ. ޒީނާގެ ނަން އެ ލިސްޓުގައި އޮތީ ފަސްވަނަ ތަރުތީބުގައެވެ. ކޮމިޓީން މިއަދު ފާސްކުރި ޒީނާއަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ބްރޯޑްކޮމްގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ މަޤާމުން އިސްތިޢުފާ ދެއްވީ 2020 ވަނަ އަހަރުއެވެ.
ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ފުރަތަމަ އައްޔަނުކުރެއްވީވެސް ޒީނާއެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓު 24 ގައި އޭނާ އެ މަޤާމުން އިސްތިޢުފާ ދެއްވާފައިވެއެވެ. ޒީނާއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާޒް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ