ހުޅުމާލޭގެ ފިޒިއޯ ކްލިނިކްގައި އޯޓިސްޓިކް ކުއްޖަކަށް އަނިޔާކުރުމުގެ މައްސަލައިގައި ދެމީހުން ހައްޔަރުކޮށްފި

ހުޅުމާލޭގެ ފިޒިއޯ ކްލިނިކްގައި އޯޓިސްޓިކް ކުއްޖަކަށް އަނިޔާކުރުމުގެ މައްސަލައިގައި ދެމީހުން ހައްޔަރުކޮށްފި

Author
ހުސައިން
12 މެއި 2025 07:00
0

ހުޅުމާލޭގައި ހިންގާ ފިޒިއޯ ކްލިނިކެއްގައި އޯޓިސްޓިކް ކުއްޖަކަށް ކަތުރަކުން އަނިޔާކޮށްފައިވާ މައްސަލައިގައި ރާއްޖޭސްވަރީ ސިވާ ކުމާރު (24) އާއި އީޝާ އެންޓޮނޭޓް (24) ކިޔާ އިންޑިއާއަށް ނިސްބަތްވާ ދެ އަންހެނުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދެމީހުން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. އަދި އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެދެމީހުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ ކޯޓުން އަމުރުކޮށްފައެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުކަމަށެވެ. ނަމަވެސް މި މައްސަލަ އާންމުންނަށް ފެންމަތިވެފައިވަނީ ކުޑަކުދިންގެ ދުވަހާ ދިމާކޮށެވެ.

މިހާދިސާގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ފެންނަނީ ފިޒިއޯ ކްލިނިކުގެ މުވައްޒަފަކު ކަތުރެއް ނަގައިގެން ކުއްޖާއާ ކުރިމަތިލާ މަންޒަރެވެ. އަދި ފަހުން ބައެއް ފޮޓޯތަކުން ފެންނަނީ އެ ކުއްޖާއަށް ކަތުރުން އަނިޔާވެފައިވާ މަންޒަރެވެ.

މިހާދިސާއާ ގުޅިގެން ފިޒިއޯ ކްލިނިކުން އިންސްޓަގްރާމްގައި ޝާއިޢުކުރި ބަޔާނެއްގައި ބުނެފައިވަނީ މިމައްސަލައިގައި ޝާމިލުވާ ތިން މުވައްޒަފަކު ވަގުތުން ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. އަދި މިމައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށް، ކްލާސްރޫމުގެ ސީސީޓީވީ ފުޓޭޖު ފުލުހުންނާ ހިއްސާކޮށްފައެވެ.

ފިޒިއޯ ކްލިނިކުން އިތުރަށް ބުނެފައިވަނީ މިފަދަ ބޮޑު ހާދިސާއެއް ހިނގުމާ ގުޅިގެން ވަގުތީގޮތުން ކްލިނިކް ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ. މިހާރު ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.