ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިއަދޫ ރައުދު އަހްމަދު ޒިލާލް (21އ) އާ ރިޔާސީ ކޮމިޝަނުން މިއަދު ބައްދަލުކޮށް ސުވާލުކޮށްފިއެވެ.
ރިޔާސީ ކޮމިޝަނުން މިއަދު އެކްސްގައި ޝާއިޢުކުރި ޕޯސްޓެއްގައި ވަނީ ރައުދުއާ ބައްދަލުކޮށް ހާދިސާއާ ގުޅޭގޮތުން ސުވާލުކުރެވިފައިވާކަމަށް ބަޔާންކޮށްފައެވެ. ނަމަވެސް ކޮމިޝަނުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އިއްޔެ ކޮމިޝަނުން ބުނެފައިވަނީ އެ ހާދިސާއާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، މައްސަލައާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުންނާވެސް ބައްދަލުކުރަން ފަށާފައިވާކަމަށެވެ.
ރައުދު ޒިލާލް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. މިހާތަނަށް ތިން ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރެވިފައިވެއެވެ.
ހާދިސާގައި ޝިކާރައަކަށްވި ޔުމްނުއަށް މިވަގުތު މެލޭޝިއާގައި ފަރުވާދެމުންދާއިރު، އޭނާ އިމާރާތުން ވެއްޓުނު ގޮތަކާމެދު އަދިވެސް ސުވާލު އުފެދިފައިވެއެވެ. ޔުމްނުގެ އާއިލާއިން ބުނެފައިވަނީ އޭނާ އަމިއްލައަށް އިމާރާތުން ފުންމާލާފައިނުވާކަމަށާއި، ހާދިސާ ހިނގިއިރު ޔުމްނު ކައިރީގައި ހަތަރު މީހަކު ތިބިކަމަށެވެ. ނަމަވެސް އެކަން ސީދާ ހިނގިގޮތުގެ ތަފްސީލު އާއިލާއިން ވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ހާދިސާގައި ޔުމްނުގެ ކައިރީގައި ތިބިކަމަށް ބުނާ ހަތަރު މީހުންނަކީ ކޮންބައެއްކަންވެސް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ