މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ މިނިސްޓްރީން ދަރިވަރުންގެ މަތީ ތައުލީމަށް އެހީތެރިވުމުގެ ގޮތުން މި އަހަރު މިހާތަނަށް 107 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. މިނިސްޓްރީން މިއަދު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ފުރަތަމަ ޑިގްރީ ސްކީމާއި ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން މި ފައިސާ ދޫކުރެވިފައިވެއެވެ.
މިނިސްޓްރީގެ ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 51 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދަރިވަރުންނަށް ދޫކުރެވިފައިވާއިރު، ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން 55 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދޫކުރެވިފައިވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި ވަގުތު ރާއްޖޭގެ އެކި މަރުކަޒުތަކުން ފުރަތަމަ ޑިގްރީ ސްކީމްގެ ދަށުން 8،327 ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަމުން ގެންދެއެވެ. މީގެ ތެރޭގައި 5،258 އަކީ އަންހެން ދަރިވަރުންނެވެ. އަދި 3،069 އަކީ ފިރިހެން ދަރިވަރުންނެވެ. އަދި ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން 717 ދަރިވަރުން ކިޔަވަމުން ދެއެވެ.
މިނިސްޓްރީން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި އަހަރު މިހާތަނަށް ސްކޮލަޝިޕް ސްކީމްގެ ދަށުން އަލަށް ކިޔެވުން ފަށާފައިވަނީ 25 އަންހެން ދަރިވަރުންނާއި 9 ފިރިހެން ދަރިވަރުންނެވެ. ޖުމްލަކޮށް މިވަގުތު މިނިސްޓްރީގެ ތަފާތު ސްކީމްތަކުގެ ދަށުން 9،044 ދަރިވަރުން ދަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ