އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަޤާމުގައި ހުންނެވި، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) އަވަހާރަވެއްޖެއެވެ. މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ފާޅުކުރައްވާފައެވެ.
އައްޑޫ ސިޓީ ހުޅުދޫގައި އުފަންވެވަޑައިގެންނެވި ނަޒީރު އިންތިޤާލުވެވަޑައިގަތީ އާލަސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިނގިރޭސިވިލާތުގައެވެ. މަރުހޫމް ނަޒީރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އާއިލީ ޓްރެވަލް އެޖެންސީއެއް ކަމުގައިވާ "ސަންލޭންޑް" ގެ ނަމުގައި ވިޔަފާރިއެއް ފައްޓަވައި، ރާއްޖެ ބޭރު ދުނިޔޭގައި މާކެޓްކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
މަރުހޫމް މުހައްމަދު ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެއެވެ.
ނަޒީރުގެ ޢާއިލާއަށް ކުރިމަތިވެފައިވާ މި ހިތާމަވެރި ވަގުތުގައި ސަރުކާރުގެ އިސްވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކުން ވަނީ ތައުޒިޔާ ފާޅުކޮށްފައެވެ.
ކޮމެންޓު ފޮނުވާ