އޭޕްރީލް މަހު މީރާއަށް 2.60 ބިލިއަން ރުފިޔާ ބަލައިގެންފި

އޭޕްރީލް މަހު މީރާއަށް 2.60 ބިލިއަން ރުފިޔާ ބަލައިގެންފި

Author
ހުސައިން
08 މެއި 2025 07:30
0

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި ގޮތުގައި މިދިޔަ އޭޕްރީލް މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި 2.60 ބިލިއަން ރުފިޔާ ބަލައިގަނެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 22.7 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި ހަމައެހެންމެ، މިއީ މި އަހަރުގެ އޭޕްރީލް މަހަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 1.6 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާއިން ފާހަގަކުރާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ އަދަދު މައްޗަށް ދިއުމެވެ. މީގެއިތުރުން، މި އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުވުމާއި، މިދިޔަ ޑިސެމްބަރުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ އިތުރުވުމަކީވެސް އޭޕްރީލް މަހުގެ ޖުމުލަ އާމްދަނީ މައްޗަށް ދިއުމުގައި ބޮޑު ދައުރެއް އަދާކޮށްފައިވާ ކަންކަމެވެ.

އޭޕްރީލް މަހު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު 1.65 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ހޯދައިދިނީ ގްރީން ޓެކުހުން ލިބުނު 226.7 މިލިއަން ރުފިޔާއެވެ. އާމްދަނީއިން ނަގާ ޓެކުހުގެ ގޮތުގައި 176.5 މިލިއަން ރުފިޔާ ލިބުނުއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 155.3 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. މީގެއިތުރުން، ޑިޕާޗާ ޓެކުހުގެ ގޮތުގައި 153.2 މިލިއަން ރުފިޔާއާއި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 9.4 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ހާމަކޮށްފައިވެއެވެ.

މީރާގެ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޭޕްރީލް މަހު ބަލައިގަނެފައިވާ ޖުމުލަ އާމްދަނީގެ ތެރޭގައި 125.09 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.