ނ. މިނާވަރު އަތުލުމަކީ ސިޔާމަށް ޖެއްސުންކުރުމަށް ސަރުކާރުން ކުރި ކަމެއް: އައްބާސް

ނ. މިނާވަރު އަތުލުމަކީ ސިޔާމަށް ޖެއްސުންކުރުމަށް ސަރުކާރުން ކުރި ކަމެއް: އައްބާސް

Author
ހުސައިން
08 މެއި 2025 01:50
0

ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ސަރުކާރުން ނިންމި ނިންމުމަކީ ސިޔާސީ މަގުސަދެއްގައި ސިޔާމަށް ޖެއްސުންކޮށް އަނިޔާވެރިވުމަށް އެޅި ފިޔަވަޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އެމްޑީއޭގެ ނައިބު ރައީސްކަން ވެސް ކުރައްވާ އައްބާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިނާވަރު އަތުލުމުގައި ސަރުކާރުން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިއީ ސިޔާސީ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބަދަލުހިފުމަށް ކުރި ކަމެއްކަމަށެވެ.

އައްބާސް ބަޔާނުގައި ފާހަގަކުރައްވާފައިވާ ގޮތުގައި އެގްރިކަލްޗާ މިނިސްޓްރީން މިނާވަރުގެ އިންސްޕެކްޝަނެއް ހެދުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ދަތުރެއް ކުރިއެވެ. ނަމަވެސް އެ ދަތުރުގައި ފާހަގަވި ކަންކަން ރިޕޯޓެއްގެ ސިފައިގައި ނުވަތަ ލިޔުމަކުން ވެސް ހިއްސާކޮށްފައިނުވާ ކަމަށާއި، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާ ކަމަށް ބުނެ މިނިސްޓްރީން ސިޓީއެއް ފޮނުވީ ދަތުރުގެ ހަތް މަސް ފަހުން ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

މިނިސްޓްރީން އެންގި ކަންކަން 30 ދުވަހުގެ ތެރޭ ރަނގަޅުކޮށް މިނިސްޓްރީއަށް ރިޕޯޓު ހުށަހެޅި ކަމަށް އައްބާސް ވިދާޅުވިއެވެ. އޭގެ ފަހުން މިނިސްޓްރީން މިދިޔަ މަހު އިތުރު ދަތުރެއް ކުރިކަމަށާއި، މި ދަތުރުގައި ސިވިލް ސާވިސް މުވައްޒަފުން ގެންދަން އޮތް އޮތުން ބަދަލުކޮށް ތިން ސިޔާސީ މުވައްޒަފުން ފޮނުވިކަން އައްބާސް ވަނީ ފާހަގަކުރައްވާފައެވެ.

ފަޅު ރަށްރަށާ ބެހޭ ގާނޫނަށް ހަވާލާދީ އައްބާސްގެ ބަޔާނުގައި ބުނެފައިވަނީ އެ ގާނޫނުގެ ދަށުން ކުއްޔަށް ދީފައިވާ ރަށެއް، މުއްދަތު ހަމަވުމުގެ ކުރިން އަތުލެވޭނީ ދެ އަހަރުގެ ނޯޓިސްއެއް ދިނުމަށްފަހު ކަމަށެވެ. ބަޔާން ނިންމާލަމުން އައްބާސް ވިދާޅުވެފައިވަނީ، މިއީ ވަކި ފަރާތަކަށް އަމާޒުކޮށް އަޅާ ބޭއިންސާފު ފިޔަވަޅެއް ކަމަށާއި ސަރުކާރުގެ މި އަމަލަކީ ހުދުމުހުތާރުކަމާއެކު ހިންގާފައިވާ ބޭއިންސާފުގެ އަމަލެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވަނީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ސަރުކާރުގެ ކޯލިޝަނުގައި ސިޔާމުގެ އެމްޑީއޭ ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ ދެ ދުވަސް ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.