ޗައިނާގެ އައު ސަފީރު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ޗައިނާގެ އައު ސަފީރު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

Author
ހުސައިން
05 މެއި 2025 03:27
0
ޗައިނާއިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު ކޮންގް ޒިއަންހުއާ، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ. މި ރަސްމިއްޔާތުގައި ސަފީރު ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ހަތްކޮޅުގައި އިއްޒަތުގެ މަގުން ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި ބެރު ދުންމާރި ތާޅަފިލީގެ އަޑާއެކު ހެވިކަމުގެ ލަޝްކަރީން ވެސް ބައިވެރިވެލެއްވިއެވެ.

ފަތްކޮޅު އެރުވުމަށްފަހު ބޭއްވުނު ބައްދަލުވުމުގައި ރައީސް މުއިއްޒު ސަފީރަށް މަރުޙަބާ ދަންނަވައި، ދެ ގައުމުގެ ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ބައްދަލުވުމުގައި ޗައިނާގެ ސަފީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކަންކަމުގައި ޗައިނާ ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރެވިފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު 14 ގައެވެ. އޭރުއްސުރެ މިއަދާ ހަމައަށް ވެސް ދެ ގައުމުގެ ގުޅުން ދަނީ އިތުރަށް ހަރުދަނާވަމުންނެވެ. ޗައިނާއަކީ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. ޚާއްޞަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޗައިނާއަކީ މުހިންމު ދައުރެއް އަދާކުރާ ގައުމެކެވެ. މިގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީވެސް ޗައިނާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.