މަތީ ތަޢުލީމަށް ލޯނު ފުރުޞަތަށް 1388 އެޕްލިކޭޝަން ހުށަހަޅައިފި

މަތީ ތަޢުލީމަށް ލޯނު ފުރުޞަތަށް 1388 އެޕްލިކޭޝަން ހުށަހަޅައިފި

Author
ހުސައިން
01 މެއި 2025 09:35
0

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ހުޅުވާލި ލޯނު ފުރުސަތަށް 1388 އެޕްލިކޭޝަން ވަނީ ލިބިފައެވެ.

މިދިޔަ މާރިޗު މަހު ހުޅުވާލި މި ފުރުސަތުގައި 500 ލޯނު ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭޕްރީލް 30 ގައި މުއްދަތު ހަމަވި އިރު ލިބުނު އެޕްލިކޭޝަންތަކުގެ ތެރޭގައި އަލަށް ހުށަހެޅި 913 އެޕްލިކޭޝަނާއި، މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ޑްރޮޕް-އަޕްގެ ގޮތުގައި 259 އެޕްލިކޭޝަން ހިމެނެއެވެ.

މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވި ގޮތުގައި، މި އަހަރުގެ ލޯނު ސްކީމްގެ ދެބައިކުޅަ އެއްބައި ޚާއްޞަކުރެވިފައިވަނީ ހައިލީ ޓެކްނިކަލް ދާއިރާތަކަށެވެ. އަދި މި ދާއިރާތަކަށް އެދޭ ފަރާތްތަކަށް އިތުރު 10 ޕޮއިންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މިއަހަރުގެ ލޯނު ސްކީމްގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ޚާއްޞަ އިސްކަމެއް ދެވޭނެއެވެ. އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނާއި ހިލޭ ޑިގްރީގައި ކިޔަވާ ދަރިވަރުންނަށްވެސް އިތުރު ޚަރަދުތަކަށް ފުރުޞަތު ދެވޭނެއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، މި ލޯނުތަކަކީ "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ނިންމާފައިވާތީ، އިންޓްރެސްޓާއި އެޑްމިނިސްޓްރޭޓިވް ފީއެއް ނުނެގޭނެއެވެ. މިދިޔަ އަހަރުގެ ނިޔަލަށް 805 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް 71 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.