ހަމާސް ޖަމާއަތަށް ހުރިހާ ރަހީނުން މިނިވަންކުރުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ގޮވާލައްވައިފިއެވެ. އައްބާސް ވިދާޅުވީ ހަމާސްއިން ރަހީނުން މިނިވަން ނުކުރުމަކީ އިޒްރޭލުން ޣައްޒާއަށް ހަމަލާދިނުމަށް ބޭނުންކުރާ އުޒުރެއް ކަމަށެވެ.
"ހަމާސްއިން އަމަލުކުރާ ގޮތުން އިސްތިއުމާރީންގެ ޖަރީމާތައް ކުރިއަށް ގެންދަން ދައްކާނެ އުޒުރަކަށް އެކަން ވޭ. އޭގެ ތެރެއިން އެންމެ ބޮޑު ކަމަކީ ރަހީނުން މިނިވަންނުކޮށް ތިބުން," ހުޅަނގު އައްސޭރީގައި ހިންގާ ފަލަސްތީން އޮތޯރިޓީ (ޕީއޭ) ގެ ރައީސް އައްބާސް ވިދާޅުވިއެވެ.
އައްބާސްގެ ބަޔާން އައިސްފައިވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 25 އަށްވުރެ ގިނަ މީހުން ޝަހީދުވުމާ ގުޅިގެންނެވެ. މީގެ އިތުރުން ފްރާންސް، ޖަރުމަނު، އަދި އިނގިރޭސިވިލާތުން ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުން އިޒްރޭލުން ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލައިފައެވެ.
"މިކަމުގެ އަގު އަދާކުރަންޖެހޭ މީހަކީ އަޅުގަނޑު. އަޅުގަނޑުމެންގެ ރައްޔިތުން އެ ދަނީ އަގު އަދާކުރަމުން. އިޒްރޭލަކުން ނޫން. އަޚުންނޭ، އެ މީހުން [ރަހީނުން] ހަވާލުކުރެވޭ" އައްބާސް ވިދާޅުވިއެވެ.
އައްބާސް ވަނީ "ކުއްތާގެ ދަރިން" ގެ ގޮތުގައި ސިފަކުރުމަށް އަރަބި ބަހުން ބޭނުންކުރާ އިބާރާތަކާއެކު ހަމާސްއަށް "ހުތުރުކޮށް" އިޝާރާތްކުރައްވައިފައެވެ. ނަމަވެސް މިކަމަށް ރައްދުދެއްވަމުން ހަމާސްގެ އިސް އޮފިޝަލެއްކަމަށްވާ ބާސިމް ނާއިމް ވިދާޅުވީ އައްބާސްގެ ރައްދު ހުތުރުކަމަށާއި އެއީ ކުޑައިމީސްކުރުން ކަމަށެވެ. ނާއިމް ވިދާޅުވީ އިޒްރޭލުން ހިންގާ ޖަރީމާތަކުގެ ސަބަބަކީ ހަމާސްކަމަށް ދައްކަން މަސައްކަތްކުރެއްވުމަކީ އައްބާސް ތަކުރާރުކޮށް ކުރައްވާ ކަމެއްކަމަށެވެ.
އިސްރާއީލުން ޣައްޒާގައި އަސްކަރީ ހަމަލާތައް އަލުން ފެށީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހުއެވެ. މިއީ 15 މަސްދުވަސް ވަންދެން ޣައްޒާއަށް ހަމަލާ ދިނުމަށްފަހު، ހަމާސްއާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ޖެނުއަރީ މަހު ތެރޭ ހަމަލާތައް މެދުކަނޑާލައިގެން ތިބުމަށްފަހުއެވެ. ހަމަލާތައް މެދުކަނޑާލައިގެން ތިބިއިރު ހަމާސްއިން އިޒްރޭލުގެ 33 ރަހީނުން ދޫކޮށްލާފައިވާއިރު، އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގާތްގަނޑަކަށް 1800 ގައިދީން މިނިވަންކުރިއެވެ.
ހަމަލާތައް ހުއްޓާލުމާ ބެހޭ އާ މަޝްވަރާތަކުން މިހާތަނަށް އެއްވެސް ކާމިޔާބީއެއް ހޯދިފައި ނުވާއިރު، ހަމާސްގެ ވަފުދެއް މިވަގުތު ވެސް މިސްރުގައި މަޝްވަރާއަށް ގޮސް އެބަ ތިއްބެވެ.
ކޮމެންޓު ފޮނުވާ