މިއަދު ހެނދުނު 11:15 އަށް ހައިކޯޓުގައި، ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދުގެ ބަންދާ ގުޅޭ މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ކޮރަޕްޝަންގެ ތުހުމަތުގައި މިދިޔަ މަހު ޝަމްއާން ހައްޔަރުކޮށް މަޤާމުން ވަކިކުރެވުނެވެ. އޭނާ ފުރަތަމަ ހައްޔަރުކުރެވުނީ 15 ދުވަހުގެ މުއްދަތަށް ކަމަށްވާއިރު، އެ މުއްދަތު ހަމަވުމުން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރެއްވިއެވެ. މި އަމުރުތައް އިސްތިއުނާފްކުރުމަށް ޝަމްއާންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުއްވުމާ ގުޅިގެން، މި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ހޯމަ ދުވަހު ބޭއްވިފައިވެއެވެ. އިއްޔެއަށް ތާވަލުކުރެވިފައިވާ އަޑުއެހުން ވަނީ ކެންސަލްކުރެވިފައެވެ.
މި މައްސަލައިގައި ޝަމްއާންގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު، ކުރީގެ އަޑުއެހުމުގައި ފާހަގަކުރެއްވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަކީ ދައުލަތުން ކުރިން ޢަމަލުކުރަމުން އައި އާންމު އުސޫލެއް ނޫންކަމަށެވެ. އަދި ޝަމްއާން ބަންދުގައި ބެހެއްޓިފައިވަނީ މުޖުތަމަޢުގެ ރައްކާތެރިކަމަށް ނުރައްކަލެއް ކަމަށް ބެލެވިގެން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ޝަމްއާން ހިމެނޭ މި މައްސަލައަކީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދުމުގެ ތުހުމަތު އުފެދިފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކުވެސް ވަނީ ހައްޔަރުކުރެވިފައެވެ. އަދި މައްސަލައާ ގުޅިގެން ޝަމްއާންގެ އަނބިކަނބަލުންގެ ފޯނުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ.
ތުހުމަތު ކުރެވޭ މައްސަލައިގައި، ބަންދުކުރެވިފައިވާ ބިދޭސީއެއް ދޫކޮށްލުމަށްފަހު އޭނާގެ އަތުން 530,000 ރުފިޔާ ނެގުމުގެ މައްސަލަ ބެލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންދަވަމުންނެވެ.
ކޮމެންޓު ފޮނުވާ