ރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވުނު 133 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 49 ސިފައިންނަށް ރައީސްގެ މެޑެލި ދެއްވާފައެވެ.
ރައީސް މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ޖަލްސާގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ސިފައިންގެ ދުވަހާ ގުޅިގެން ބޭއްވުނު މި ހަފްލާގައި ފާއިތުވި އަހަރުގެ އެންމެ ހަށިހެޔޮ އަންހެން ސިފައިންގެ މީހާގެ ގޮތުގައި ކްއާޓަރ މާސްޓަރ ސަރވިސްގެ ކޯޕްރަލް ޢައިޝަތު ނާޒްނީން ހޮވިފައިވާއިރު، އެންމެ ހަށިހެޔޮ ފިރިހެން ސިފައިންގެ މީހާގެ ގޮތުގައި މެރިން ޑިޕްލޯއިމެންޓް ޔުނިޓް 3 ގެ ސްޓާފް ސާޖަންޓް ޙުސެއިން ފަޟީލް ހާރޫން ހޮވިފައިވެއެވެ. މީގެ އިތުރުން އެންމެ ފިޓް ޔުނިޓްގެ ގޮތުގައި ސްޕެޝަލް ފޯސަސް ހޮވިފައިވެއެވެ.
މި ރަސްމިއްޔާތުގައި 71 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވި 115 ދަރިވަރުންނަށް ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒު ސިފައިންގެ ހުވާ ލައިދެއްވިއެވެ. އަދި އެ ދަރިވަރުންނަށް ރައީސް މުޢިއްޒު ވަނީ ބަޑި ހަވާލުކޮށްދެއްވާފައެވެ.
މިއަދުގެ ޖަލްސާގައި "ހަށިހެޔޮކަމުގެ ކުލަ" މި ނަމުގައި އައު ޝަރަފުގެ ނިޝާނެއް ވެސް ތަޢާރަފުކުރެވުނެވެ. މިއީ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓާ ސިފައިންނަށް ދެވޭ ޝަރަފުގެ ނިޝާނެކެވެ.
ސިފައިންގެ ދުވަހުގެ މި ޖަލްސާގައި ސިފައިންގެ ޚިދުމަތުގައި ތިބި ފަރާތްތަކުގެ ހިތްވަރާއި ޤާބިލުކަން ފާހަގަކޮށް، އެ ފަރާތްތަކަށް ޝަރަފު ލިބިދެވުނެވެ.
ކޮމެންޓު ފޮނުވާ