އެއްވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް އެދިފައިނުވާނެ: އޮމްބަޑްސްޕާސަންގެ އޮފީސް

އެއްވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް އެދިފައިނުވާނެ: އޮމްބަޑްސްޕާސަންގެ އޮފީސް

Author
ހުސައިން
22 އޭޕްރިލް 2025 01:17
0

އިދިކޮޅު އެމްޑީޕީގެ އެއްވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް އެދިފައިނުވާނެ ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފިއެވެ. މިއީ މިއަދު ފުލުހުން ނެރުނު ބަޔާނާ އިދިކޮޅު ވާހަކަތަކެކެވެ.

ފުލުހުން މިވަގުތު އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) އާ ދެކޮޅަށް ތަހުގީގެއް ކުރިއަށް ގެންދަނީ ރައީސްގެ ދަރިކަލުންނާއި ވޭޕާ ގުޅުވައިގެން ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ފުލުހުން ބުނެފައިވަނީ މި ތަހުގީގު ހިންގަނީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިރޭ ނެރުނު ބަޔާނުގައި މިކަން ސީދާ ދޮގުކޮށްފައިވެއެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ސާފުކޮށްދީފައިވާ ގޮތުގައި، އެމްޑީޕީގެ އެއްވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ފުލުސް އޮފީހަށް ފޮނުވި ސިޓީގައި އެކަމާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ އެއްވެސް އިރުޝާދެއް ނުވަތަ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދިފައިނުވާނެއެވެ. ބަދަލުގައި އެފަރާތުން އެދިފައިވަނީ އެއްވެއުޅުމުގެ ގާނޫނުގެ ދަށުން ހިންގާ ހަރަކާތްތަކުގައި ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ހާމަނުކުރެވޭނެކަން ކަށަވަރުކުރުމަށް ފުލުހުން އިންތިޒާމުވެގެން ތިބޭއިރު ކުރަންޖެހޭ ކަންކަން ކޮށްދިނުމަށެވެ.

"އެ ހާދިސާއާ ގުޅިގެން އެއްވެސް ބާވަތެއްގެ ތަހުގީގެއް ކުރުމަށް ފުލުހުންގެ އިދާރާގައި މި އޮފީހުން އެދިފައިނުވާތީ އާއި އެ އިދާރާއިން މިއަދު އާންމުކުރި ނޫސްބަޔާނުގައި މި އޮފީހާ ގުޅޭ ގޮތުން ހާމަކޮށްފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއް ކަމަށް ވާތީ އެކަން މައުލޫމާތަށްޓަކައި ދަންނަވަން،" ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ ބަޔާނުގައި ވެއެވެ.

މި މައްސަލަ އިތުރަށް ބޮޑުވެފައިވަނީ މަންދީ އާއި މާޒު ސަލީމްގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯއެއް ނެގުމަށް ކްރިމިނަލް ކޯޓުގެ އަމުރެއް ފުލުހުން ހޯދާފައިވާތީއެވެ. މިކަމާ ގުޅިގެން އުފެދިފައިވާ ފާޑުކިޔުންތަކަށް ޖަވާބުދީ ފުލުހުން ބުނެފައިވަނީ "ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށް ގާނޫނީ ގޮތުން ކޯޓުން އަމުރު ދިން ނަމަވެސް، މިފަދަ ކޮންމެ އަމުރަކާ ގުޅިގެން، ތުހުމަތުވާ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ކުރާ ކަމެއް ނޫން" ކަމަށެވެ.

ފުލުހުން އިތުރަށް ހާމަކޮށްފައިވަނީ ތަހުގީގުގެ ބޭނުމަށް ފޮޓޯ އާއި ސާމްޕަލް ނަގާނީ ތަހުގީގަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށާއި، އެފަދަ ފޮޓޯއެއް ނަގަން ޖެހޭނީ އެ މީހެއްގެ ރުހުމާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މީގެއިތުރުން، ފުލުހުން ސާފުކޮށްދީފައިވަނީ ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށް ކޯޓުން އަމުރު ނެރޭއިރު "ޖިންސީ ގުނަވަން ފިޔަވައި" މިހެން ބަޔާންކުރަނީ ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމުގެ ގޮތުންކަމަށެވެ.

މި މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލް އާޒިމާ ޝަކޫރުވެސް ކުރިން ވިދާޅުވެފައިވަނީ މި ތަހުގީގަކީ ރައީސްގެ އާއިލާއިން އެދިގެން ހިންގާ ތަހުގީގެއް ނޫންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.