މުއްދަތު ހަމަވެފައިވާ ޑޮކިއުމެންޓްގައި އެތެރޭގެ ދަތުރު ދެން ނުކުރެވޭނެ

މުއްދަތު ހަމަވެފައިވާ ޑޮކިއުމެންޓްގައި އެތެރޭގެ ދަތުރު ދެން ނުކުރެވޭނެ

Author
ޢަލީ އާދަމް
02 ޖެނުއަރީ 2021 02:36
0

މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް ބޭނުން ކޮށްގެން އެތެރޭގެ ވައިގެ ދަތުރުތައް ކުރެވޭ ގޮތައް ހަމަޖައްސާފައި އޮތް އުސޫލަށް ބަދަލުގެނެސް، މުއްދަތު ހަމަވެފައިވާ ލިޔެކިއުން ދައްކައިގެން ދަތުރު ނުކުރެވޭ ގޮތައް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނިންމައިފި އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ ފަސެންޖަރުންނަކީ ކޮންބައެއްކަން ދެނެގަންނަން މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް ބަލައިގަންނަމުން އައީ ވަގުތީގޮތުން ކަމަށާއި، ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން އެނިންމުން މިހާރު ބަދަލޮކޮށްފައި ވާކަމަށެވެ. އެހެންކަމުން މިހާރު އެތެރޭގެ ދަތުރުތައް ކުރާ ދިވެހިންނަށް ވެސް ދަތުރު ކުރެވޭނީ މުއްދަތު ހަމަނުވާ ލިޔުމެއް އޮވެގެންނެވެ.

މުއްދަތު ހަމަވެފައިވާ ޑޮކިއުމެންޓް ބޭނުން ކޮށްގެން ދަތުރު ކުރެވޭ ގޮތައް ފުރަތަމަ ހަމަޖެއްސީ އޮގަސްޓް މަހުގެ ނިޔަލަށެވެ. ނަމަވެސް ފަހުން ވަނީ ޑިސެމްބަރ 31 އަށް މުއްދަތު އިތުރުކޮށްފައެވެ. މިފަދަ އިންތިޒާމް ހަމަޖައްސާފައި ވަނީ މިފަދަ ހިދުމަތްދޭ އޮފީސްތަކާއި އެކު ސަރުކާރުގެ ގިނަ ހިދުމަތްތަކަކަށް ކޯވިޑްގެ ސަބަބުން ހުއްޓުން އައުމާއެކު، ގިނަ ބަޔަކަށް މުއްދަތު ހަމަވާ މި ފަދަ ލިޔެކިއުން އައު ކުރުމަށް ދަތިވުމާ ގުޅިގެންނެވެ.

ނަމަވެސް ކޯވިޑް-19ގެ ދަތިތަކުގެ ސަބަބުން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ވަނީ އޮންލައިންކޮށް އައިޑީކާޑަށް އެދުމުގެ އިންތިޒާމް ހަމަޖައްސާފައެވެ. ޕާސްޕޯޓާއި ލައިންސަންސަށް އެދިވެސް އޮންލައިންކޮށް ފޯމް ހުށަހެޅެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.