ދިވެހި ފުލުހުންގެ ޚިދުމަތުގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ދ. ވާނީ ކެމްޕަހުގައި ފެށިއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ދ. ވާނީ ކެމްޕަހުގައި ފެށިއްޖެ

Author
ހުސައިން
21 އޭޕްރިލް 2025 01:39
0

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ޚާއްޞަކޮށްގެން ހިންގާ އަސާސީ ތަމްރީނު ކޯހުގެ 40 ވަނަ ބުރު މިމަހުގެ 19 ވަނަ ދުވަހު ދ. ވާނީ ކެމްޕަހުގައި ރަސްމީކޮށް ފަށައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަޙްމާންއެވެ.

މި ފަހަރުގެ ކޯހުގައި ޖުމްލަ 138 ފުލުހުން ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި 41 އަންހެން ފުލުހުންނާއި 97 ފިރިހެން ފުލުހުން ހިމެނެއެވެ. ޖުމްލަ 17 ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި، ފުލުހުންގެ މަސައްކަތަށް ބޭނުންވާ އަސާސީ ތަމްރީނުތައް ފޯރުކޮށްދެވޭނެއެވެ.

މި ރަސްމިއްޔާތުގައި ކޮލެޖުގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން މުދައްރިބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، 39 ވަނަ އަސާސީ ތަމްރީނު ކޯސް ޖަނަވަރީ 18 ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި މިހާރުވެސް ކުރިއަށްދާކަމެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ، ފުލުހުންގެ މަސައްކަތަށް މުހިންމު އިލްމީ ގާބިލުކަމާއި ހުނަރުތައް ދަސްކޮށްދޭ ކޯހެކެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސްގެ އިތުރުން ގާނޫނާއި ގަވާއިދުތަކާއި ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި އެހެނިހެން މުހިންމު ދާއިރާތަކުން ކިޔަވައިދެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.