މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ޖީއެސްޓީ ނުދައްކާ 146 ފަރާތެއްގެ ނަން އާންމުކޮށްފިއެވެ. މިއީ ޓެކްސް ބަޔާން ހުށަނާޅާ އަދި ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން ޝާއިޢުކޮށްފައިވާ ލިސްޓެކެވެ.
މީރާއިން ދެއްވި މަޢުލޫމާތަށް ބަލާއިރު، މިފަހަރު ނަން ހާމަކޮށްފައިވާ ފަރާތްތަކަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު 600،000 ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކެވެ. އެހެންނަމަވެސް ވަކިވަކި ފަރާތްތަކުން ދައްކަންޖެހޭ ސީދާ އަދަދުތައް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި މަޝްހޫރު ވިޔަފާރިތަކެއް ހިމެނެއެވެ. މީގެ ތެރޭގައި ކޮކޯ ޗިކް ސެލޫން، ފެމިލީރޫމް ކޮފީ ހިންގާ ކޮފީ ލެބް ކުންފުނި، މާލޭގައި ހެދުން ވިއްކާ މަޝްހޫރު ފިހާރަ ޗޮކްލެޓް، ހުދުމާ، މޭރީ ބްރައުން ފެމިލީ ރެސްޓޯރަންޓް، ސްކައިފޯލް ރެސްޓޯރަންޓް އަދި ލިޓަސް ކުންފުނި ފަދަ ވިޔަފާރިތައް ހިމެނެއެވެ.
މީރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މިފަދަ ފަރާތްތަކުގެ ނަން އާންމުކުރުމުގެ ކުރިން ޓެކްސް ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީފައިވާނެއެވެ. އެގޮތުން، ފައިސާ ދެއްކުމަށް ބޭނުންވާ ނޯޓިސްތައް ފޮނުވުމާއެކު، އިތުރު މުއްދަތުތައްވެސް ދީފައިވެއެވެ. މީގެއިތުރުން، އުސޫލުގެ ތެރެއިން ދެވެން ހުރި ހުރިހާ ލުއިތަކެއްވެސް ދީފައިވާނެކަމަށް މީރާއިން ފާހަގަކުރައްވައެވެ.
މީރާއިން އިތުރަށް ވިދާޅުވީ، މިހާރު ދައްކަންޖެހޭ ޖުމްލަ އަދަދު އެއްފަހަރާ ދެއްކުމަށް ދަތިވާނަމަ، އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތުވެސް ހުޅުވާލައިފައިވާ ކަމަށެވެ. އަދި އެގޮތަށް ފައިސާ ދެއްކުމަށް އެއްބަސްވުމެއް ހެދިއްޖެނަމަ، ތަންފީޒީ އިތުރު ފިޔަވަޅުތަކެއް ނާޅާނެކަމުގެ ޔަގީންކަންވެސް މީރާއިން ދެއްވައިފައިވެއެވެ.
ކޮމެންޓު ފޮނުވާ