ދަޢުވާގެ ރިވިއުއަށް ކަމާބެހޭ ނިންމުމެއް ލިބެންދެން ނިޝާން އަދި ފަޒްލޫންގެ ޓެރަރިޒަމް މައްސަލައިގެ ޝަރީޢަތް މަޑުޖައްސާލައިފި

ދަޢުވާގެ ރިވިއުއަށް ކަމާބެހޭ ނިންމުމެއް ލިބެންދެން ނިޝާން އަދި ފަޒްލޫންގެ ޓެރަރިޒަމް މައްސަލައިގެ ޝަރީޢަތް މަޑުޖައްސާލައިފި

Author
ހުސައިން
20 އޭޕްރިލް 2025 03:19
0

2022 ވަނަ އަހަރު ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިޚް ފަޒްލޫން މުޙައްމަދާއި އާދަމް ނިޝާންގެ މައްޗަށް ކުރެވިފައިވާ ޓެރަރިޒަމްގެ ދަޢުވާގެ ޝަރީޢަތް މަޑުޖައްސާލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނިންމައިފިވެ.

މި ދެފަރާތުގެ މައްޗަށް އުފުލިފައިވަނީ ޓެރަރިޒަމްގެ ޢަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާއެވެ. މައްސަލަ ދިގުލައިގެން ގޮސްފައިވާއިރު، އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ދެ ޝެއިޚުންގެ ފަރާތުން ވަނީ ދަޢުވާ ރިވިއުކުރުމަށް ހުށަހަޅާފައެވެ.

މި އަޑުއެހުމުގައި ދިފާޢީ ވަކީލުން އެދިފައިވަނީ ރިވިއުއާމެދު ގޮތެއް ނިންމުމަށްފަހު ޝަރީޢަތް ކުރިއަށް ގެންދިއުމަށެވެ. ދައުލަތުން ވެސް މިކަމަށް އިޢުތިރާޒެއް ނުކުރުމާއެކު، މައްސަލަ ބައްލަވާ ޤާޟީ ނިންމެވީ ރިވިއުގެ މަރުޙަލާ ނިމެންދެން ޝަރީޢަތުގެ އެހެން އިޖުރާއަތުތައް މަޑުޖައްސާލުމަށެވެ.

މި މައްސަލައިގައި ދެ ޝެއިޚުން ހިމެނޭގޮތަށް ޖުމްލަ 18 މީހެއްގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލާފައިވެއެވެ. ޔޯގާ ހަރަކާތް ހުއްޓުވުމަށް ބޭއްވުނު މުޒާހަރާގައި ހިނގި ހަމަނުޖެހުމާ ގުޅިގެން މި ދަޢުވާތައް އުފުލިފައިވާއިރު، މައްސަލައިގެ އިތުރު ޝަރީޢަތްތައް ކުރިއަށްދާނީ ހުށަހެޅިފައިވާ ރިވިއުއާމެދު ނިންމުމެއް ނިމުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.