ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމަށްފަހު، ރައީސްގެ ވިސްނުންފުޅު ހުރީ ޕްރެފެރެންޝަލް ވޯޓިންގ ސިސްޓަމްއަކަށް!

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމަށްފަހު، ރައީސްގެ ވިސްނުންފުޅު ހުރީ ޕްރެފެރެންޝަލް ވޯޓިންގ ސިސްޓަމްއަކަށް!

Author
ހުސައިން
19 އޭޕްރިލް 2025 09:12
0

ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި، ޕްރެފެރެންޝަލް ވޯޓިންގ ސިސްޓަމެއް ތަޢާރަފުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅު ކަމަށް ރައީސް އޮފީހުގެ އިސްބައެއް ބޭފުޅުން ހާމަކުރައްވައިފިއެވެ.

އެނގިފައިވާ ގޮތުގައި، މިދިޔަ ބުދަ ދުވަހު މުލިއާގޭގައި ރައްޔިތުންގެ މަޖިލިސް މެންބަރުންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމަށާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބާ އެއްކޮށްލުމަށް އާންމުންގެ ފެންނަ ނުފެންނަ ވޯޓަކަށް މި އަހަރު ދިއުމަށް ވިސްނަވާއިރު، މަޖިލިސް މެންބަރުންގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންފައެވެ.

މި ޚަބަރު ފެތުރުމާއެކު، ދެވަނަ ބުރު އުވާލައި ފުރަތަމަ ބުރުގެ ވޯޓުން ރައީސަކު އިންތިޚާބުކުރާއިރު، ވޯޓުލާ އާބާދީގެ ފުރިހަމަ މެޖޯރިޓީ ނެތި، އެންމެ ގިނަ ވޯޓު ލިބޭ މީހަކަށް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭ ގޮތަށް ބަދަލުކުރުމާ ދެކޮޅަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝުޢޫރު ފާޅުކޮށްފައިވެއެވެ. މި ގޮތުން ޝުޢޫރު ފާޅުކުރި ގިނަ މީހުން ވެސް ބުނެފައިވަނީ މިފަދަ ބަދަލެއް ގެންނަ ނަމަ، އެންމެ ރަނގަޅުވާނީ ޕްރެފެރެންޝަލް ވޯޓިންގ ސިސްޓަމެއް ތަޢާރަފުކުރުން ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ނުބާއްވާގޮތަށް ހަޖައްސަން ސަރުކާރުން ވިސްނާކަމުގެ ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނިކޮށް، ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ އިބްރާހީމް އަބާން ޢަބްދުއްލަޠީފް ވަނީ އެކްސްގައި "ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމް ތަޢާރަފުކުރުން" ކަމަށް ލިޔުއްވާފައެވެ.

މިހާރު ރައީސްގެ ބައެއް އަރިސް ބޭފުޅުންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވެސް ޕްރެފެރެންޝަލް ވޯޓިންގ ސިސްޓަމް ގެނައުމަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގަމުން ގެންދެއެވެ.

ޕްރެފެރެންޝަލް ވޯޓިންގ ސިސްޓަމްގައި ވޯޓުލާ ގޮތަކީ ކުރިމަތިލާ ކެންޑިޑޭޓުންނަށް ކަމުދާ ތަރުތީބުން ރޭންކްކޮށްގެން ވޯޓުލުމެވެ. މިސާލަކަށް، އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް "އެކެއް"، ދެން ކަމުދާ ކެންޑިޑޭޓަކަށް "ދޭއް"، އަދި ދެން ކަމުދާ ކެންޑިޑޭޓަކަށް "ތިނެއް" ފަދަ ގޮތަކަށް ރޭޓްކޮށްގެންނެވެ.

މި ނިޒާމުގައި ވެސް 50 ޕަސެންޓް ރައްޔިތުންގެ ރުހުން މަދުވެގެން އޮތްތޯ ބަލާނެއެވެ. އެގޮތުން އަމަލުކުރާ ގޮތަކީ 50 ޕަސެންޓް ރައްޔިތުން "އެކެއް" ރޭޓިންގ ދިން ކެންޑިޑޭޓެއް ނެތްނަމަ، ދެން ބަލާނީ "ދޭއް" ރޭޓިންގ ދިން ގޮތަށެވެ. "ދޭއް" ރޭޓިންގ ގުނަން ފަށާނީ "އެކެއް" ރޭޓިންގ މަދުން ލިބުނު ކެންޑިޑޭޓް ނުވަތަ އޭގެ ތެރެއިން ވަކި އަދަދަކަށް ކެންޑިޑޭޓުން ހޮވައި، އެ ކެންޑިޑޭޓުން ނުލައެވެ. "ދޭއް" ރޭޓިންގއަށް ފަހު ވެސް 50 ޕަސެންޓް އެއްވެސް ކެންޑިޑޭޓަކަށް ހަމަނުވާނަމަ، ކުރިން ފާހަގަކުރި އުސޫލުން ކުރިއަށް ދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.