ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު އީސާގެ މައްޗަށް އުފުލާފައިވާ ގެވެށި އަނިޔާގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
އީސާގެ މައްޗަށް މި ދަޢުވާ އުފުލާފައިވަނީ، އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމަށް އަނިޔާކުރިކަމަށް ބުނެ އޭނާ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެހެންނަމަވެސް، ތަޙްޤީޤަށް ދެ ބަޔާނެއް ދިނުމަށްފަހު، އަސްރާ ނަސީމް ވަނީ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންނުވާކަމަށް ފުލުހުންނަށް އަންގާފައެވެ. އޭނާ ތަޙްޤީޤަށް ދިން ދެވަނަ ބަޔާނުގައި ސޮއިނުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ފުލުހުން ވަނީ އެ މައްސަލަ ތަޙްޤީޤުކޮށް، ދަޢުވާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ. މިކަމާ ގުޅިގެން ދައުލަތުން ދަޢުވާ އުފުލުމުން، އަސްރާ ނަސީމާއި އެހެން ބައެއް ހެކިވެރިން ކޯޓަށް ޙާޟިރުވެފައެއް ނުވެއެވެ.
ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ބައެއް ސީސީޓީވީ ފުޓޭޖްވެސް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، އަސްރާ ނަސީމް ދިން ދެވަނަ ބަޔާނުގައި ސޮއިނުކުރާކަމަށް ބުނި ނަމަވެސް، ޙުކުމުގައި އެ ބަޔާނުގައި ސޮއިއޮތްކަން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އެއީ އަސްރާގެ ސޮޔާއި އިނގިލީގެ ނިޝާންކަމާމެދު ޙުކުމުގައި ސުވާލު އުފައްދާފައިވެއެވެ. އަދި ތަޙްޤީޤަށް އަސްރާ ދިން ދެވަނަ ބަޔާނުގެ އޯޑިއޯ ހުށަހަޅާފައިނުވާކަމަށްވެސް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.
މީހެއްގެ މައްޗަށް ކުށެއް ސާބިތުވާނީ ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާނަމަކަމަށްވާތީ، ކޯޓުން ނިންމާފައިވަނީ އެފަދަ ހެކި ލިބިފައިނުވާތީ މައްސަލަ ސާބިތުނުވާކަމަށެވެ.
އިސްވެ ދެންނެވުނު މައްސަލަ ފެންމަތިވުމާއެކު، އެތައް ބަޔަކު އޭރު އީސާގެ އިސްތިޢުފާއަށް ގޮވާލާފައިވެއެވެ. އަދި އޭރު އީސާ މަޖިލީހުގައި އަދާކުރަމުންދިޔަ ކޮމިޓީގެ މުޤައްރިރުކަމުން އިސްތިޢުފާ ދިނުމަށް އެމްޑީޕީގެ މެންބަރުން ބާރުއެޅުމުން، އޭނާ ވަނީ އެ މަޤާމުން އިސްތިޢުފާދީފައެވެ.
ކޮމެންޓު ފޮނުވާ