ޖުޑިޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ޖުޑިޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

Author
ހުސައިން
13 އޭޕްރިލް 2025 01:19
0

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދިޔަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައިގެ ފަހުގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

މި ދެ ފަނޑިޔާރުންނާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތަކުގެ އަޑުއެހުންތައް ބޭއްވިފައިވަނީ ވަކިވަކިންނެވެ. މިގޮތުން މިއަދު ހެނދުނު 9:00 ގައި ފުރަތަމަ ބޭއްވުނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްސަލައިގެ އަޑުއެހުން ކަމަށްވާއިރު، ހެނދުނު 10:00 ގައި ބޭއްވުނީ ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައިގެ އަޑުއެހުމެވެ.

މި ދެ ފަނޑިޔާރުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި މަސައްކަތަށް ނުފޫޒު ފޯރުވުމުގެ ތުހުމަތެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި ކަމަށް ބުނެވޭ މި މައްސަލައަށް މަހާޒާއި އަޒްމިރަލްދާ ވަނީ އިންކާރުކޮށްފައެވެ.

ޖޭއެސްސީގެ ގަވާއިދުގައިވާ ގޮތުން، ފަނޑިޔާރުންގެ މައްސަލަ ބެލުމަށްފަހު އެކުލަވާލެވޭ ރިޕޯޓަށް ޖަވާބުދިނުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. އަދި އޭގެފަހުން މައްސަލައިގައި ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވަންޖެހެއެވެ. ދެވުނު މުއްދަތުގެ ތެރޭގައި ފަނޑިޔާރު މަހާޒްއާއި ފަނޑިޔާރު އަޒްމިރަލްދާ ވަނީ ޖަވާބުދާރީވެފައެވެ.

އިސްވެދެންނެވުނު ދެ ފަނޑިޔާރުންގެ އިތުރުން، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލަ ވެސް ޖޭއެސްސީން ބަލަން ފަށާފައިވެއެވެ. ނަމަވެސް މައްސަލަ ބަލަން ފެށުމުން ސުއޫދު ވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.