ޗައިނާގެ ކުންމިންގ ސިޓީގައި ބާއްވާ ޗައިނާ-ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް މިއަދު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
މިމަހުގެ 10 އިން 12 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގައި ކުރިއަށްދާ 7 ވަނަ ޗައިނާ-ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ތަޤްރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެހެންމެ، 10 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް އެކަމަނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ރަސްމީ ދަތުރުފުޅުގައި ޔުނާން ޕްރޮވިންސްގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމުގެ އިތުރުން، އެ ޕްރޮވިންސްގައި މަތީ ތަޢުލީމު ޙާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ. ޚާރިޖީ ވަޒީރުގެ އަރިހުގައި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލް އާއި ޑިރެކްޓަރ މަރިޔަމް ބައްސާމާ ފާރޫޤެވެ.
ކޮމެންޓު ފޮނުވާ