ތުރުކީން ރާއްޖެއަށް ޑޯގަން ކްލާސް ހަނގުރާމަމަތީ މަނަވަރެއް ހަދިޔާކުރަން ނިންމައިފި

ތުރުކީން ރާއްޖެއަށް ޑޯގަން ކްލާސް ހަނގުރާމަމަތީ މަނަވަރެއް ހަދިޔާކުރަން ނިންމައިފި

Author
ހުސައިން
13 އޭޕްރިލް 2025 06:49
0

ތުރުކީ ސަރުކާރުން ދިވެހިރާއްޖެއަށް ޑޯގަން ކްލާސް މަނަވަރެއް ހިލޭ އެހީގެ ގޮތުގައި ހަދިޔާކުރަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ރޭ ރަސްމީކޮށް ހާމަކޮށްފިއެވެ. މި ހާމަކުރުން އައިސްފައިވަނީ ތުރުކީގެ ނޫސްތަކުން މިސައިލު ފޮނުވޭ ޒަމާނީ މަނަވަރެއް ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ. މީގެ ކުރިން ދިވެހި ސަރުކާރުން ތުރުކީން މިސައިލުތަކެއް ގަންނަން އުޅޭ ކަމަށްވެސް ޚަބަރުތައް ފެތުރިފައިވެއެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އުޅަނދަކީ ހިލޭ އެހީގެ ގޮތުގައި ތުރުކީން ހަދިޔާކުރާ އުޅަނދެކެވެ. މި އުޅަނދު ރާއްޖެ ގެނެސް ޚިދުމަތަށް ނެރުމަށްޓަކައި، އެ އުޅަނދު އޮޕަރޭޓްކުރުމުގެ ތަމްރީނު ދިވެހި ސިފައިންނަށް ތުރުކީގައި ދެމުން ގެންދާކަމަށްވެސް ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ. އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން މި ސިޔާސަތު ތަންފީޒުކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި މަޤްޞަދު ހާސިލުކުރުމަށްޓަކައި ރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑު ދެގުނަ ކުރައްވައި، އޭގެ ޤާބިލުކަން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި މަޤްޞަދަށް ވާސިލުވުމަށްޓަކައި ރަޙްމަތްތެރި ގައުމުތަކާއެކު ގުޅުން ބަދަހިކުރައްވަމުން ގެންދަވާ ކަމަށާއި، ތުރުކީން މަނަވަރެއް ހަދިޔާކުރުމަކީ މި ގުޅުންތަކުގެ ނަތީޖާއެއް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި އުޅަނދު ސިފައިންގެ ޚިދުމަތަށް ތަޢާރަފުކުރެވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ޤާބިލުކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް ރައީސް ކަނޑައަޅުއްވާފައިވާ މަޤްޞަދަށް ވާސިލުވުމަށް ނެގުނު މުހިންމު ފިޔަވަޅެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.