ނިމިގެންދިޔަ 2020 ވަނަ އަހަރުގެ އެންމެ މަޤުބޫލު ސިޔާސީ ޝަޚުޝިއްޔަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންކަމަށް ޚަބަރު އޮންލައިނުން ގެނެސްދިން ޕޯލް އިން ދައްކައިފިއެވެ.
ނިމިދިޔަ އަހަރު އާންމު ޚިޔާލާއިއެކު ޓުވިޓާ މެދުވެރިކޮށް ނެގުނު މި ޕޯލުން އަހަރުގެ އެންމެ މަޤުބޫލު ސިޔާސީ ޝަޚުސިއްޔަތަކަށް ރައީސް ޔާމީން ހޮވިފައިވަނީ ވޯޓު ލީމީހުންގެ 42.7 އިންސައްތަ ވޯޓުންނެވެ. ވެރިކަމުގެ ފަސް އަހަރު ދައުރު ފުރިހަމަ ކުރުމަށްފަހު އެމްއެމްޕީއާރުސީގެ މަނީ ލޯންޑަރިންގެ މައްސަލާގައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ރައީސް ޔާމީން ވެފައިވަނީ ރާއްޖޭގެ ތާރީޚުގައިވެސް ޤައުމަށް އެންމެބޮޑު ތަރައްޤީ އެއް ގެނެސްދެއްވި ރައީސްގެ ގޮތުގައެވެ.

އެމަނިކުފާނުވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގަވައި، ރާއްޖެއަށް އިންގިލާބީ ބަދަލު ތަކެއް ގެނެސްދެއްވާފައެވެ. އަދި މިއަދު އެމަނިކުފާނު ޖަލަށް ލާފައިވަނީ މިކަންކަމާއި ގުޅިގެން ރައްޔިތުން ކުރާ ތާއީދު ބޮޑުވެ ސަރުކާރަށް ކުރިމަތިވެދާނެ ޕްރެޝަރަށް ބަލައި، ރައީސް ޔާމީނަށް ސިޔާސީ ގޮތުން އޮތް ފުރުސަތުތައް ބަންދު ކުރުމަށްކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި ރައީސް ޔާމީނަށް ކޮށްފައިވަނީ ނުހައްގު ނާއިންސަފު ހުކުމެއް ކަމަށާއި، މިކުމް ކުރެއްވި ގޮތާއި، ހުކުމް ކުރެއްވި ފަނޑިޔާރު މިހާރު އިންނެވި ހިސާބަށް އެކަނި ބަލައިލުމުންވެސް މިކަން ސާފުވާނެކަމަށެވެ.
ޚަބަރު އޮންލައިނުން ގެނެސްދިން ޕޯލްގައި ނިމިދިޔަ އަހަރު ރައްޔިތުންގެ މެދުގައި ދެވަނައަށް އެންމެ މަގުބޫލު ސިޔާސީ ޝަހުސިއްޔަކީ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނަށް ވަނީ 25.7 އިންސައްތަ ވޯޓު ލިބިވަޑައިގެންފައެވެ. ސަރުކާރުގެ ތެރޭގައާއި، އަމިއްލަ ޕާޓީތެރޭގައިވެސް ރައީސް ޞާލިހުއާއި، ރައީސް ނަޝީދުގެ ސިޔާސީ ވާދަވެރިކަން ބޮޑުވެފައިވާއިރު، ސިޔާސީ ގޮތުން ރައީސް ނަޝީދަށް އޮތް ތާއީދެއް ރައީސް ޞާލިހަށް ނުލިބޭނެކަމަށް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ.

ރައީސް ޞާލިހަށް ލިބިވަޑައިގެންފައިވަނީ މިޕޯލްގެ ތިންވަނައެވެ. އެމަނިކުފާނަށް ލިބި ވަޑައިގެންފައިވަނީ 24 އިންސައްތަ ވޯޓެވެ. ރައީސް ޞާލިހަކީ ސިޔާސީ ގޮތުން މާވަރުގަދަ ބޭފުޅަކަށް ނުވި ނަމަވެސް އެމަނިކުފާނަކީ ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއިއެކު ކަންކަން ކުރައްވާ ބޭފުޅެއްކަން ވެރިކަމުގެ ނިމިދިޔަ ދެ އަހަރުގައިވެސް ވަނީ ސާބިތުކޮށް ދެއްވާފައެވެ. އެގޮތުން ރައީސް ޞާލިހު ވެރިކަމަށް އައުމަށް އެކުލަވާލި ކޯލިޝަނާއިއެކު ދެ އަހަރަށްވުރެ ގިނަ ދުވަހު ހޭދަ ކުރައްވާފައިރު، މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާ ގިނަ ދުވަސް ވަންދެން ކޯލިޝަން ވެރިކަމެއް ދެމި އޮތް ފުރަތަމަ ފަހަރެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެންމެންނާއި ގުޅިގެން ކުރިއަށް ދިއުމަށް ކަމަށެވެެ.

މި ޕޯލްގައި އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވީ ކުރީގެ ރައީސް އަލް އުޘްތާޒު މައުމޫން އަބްދުލް ޤައްޔޫމަށެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައިވަނީ 7.5 އިންސައްތަ ވޯޓެވެ. ރައީސް މައުމޫނަކީ ސިޔާސީ ގޮތުން މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާ ބޮޑު، އެންމެ ވިސްނުން ތޫނު އެއް ސިޔާސީ ލީޑަރެވެ. ޤައުމުގެ ކަންކަން ނިންމުމުގައާއި، ސަރުކާރުން ނިންމާ ބައެއް ނިންމުންތަކުގައިވެސް ރައްޔިތުންނަށް އުގަދޫ ނޫނީ ދަތިވާފަދަ ނިންމުމެއް ނިންމަނަމަ އެކަމަށް ބަސް ވިދާޅުވެ، އެކަމަށް އަބަދުވެސް އެމަނިކުފާނުގެ ލަފަޔާއި އިރުޝާދު ގެންދަވަނީ ދެއްވަމުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިވަގުތު އޮތް ގޮތުން ސިޔާސީ ގޮތުން އެންމެ ވަރުގަދަ އަދި އެންމެ ތަޖުރިބާ ހުރި ގިނަ ބޭފުޅުން ތިއްބެވީ ވެރިކަން ކުރާ ކޯލިޝަންގެ ތެރޭގައެވެ. އިދިކޮޅު ކޯލިޝަންގައި ހުންނެވީ ރައީސް ޔާމީނެވެ. ނަމަވެސް މިފަހުން އެކޯލިޝަނާއި، ކުރީގެ ރައީސް ޑރ.ވަހީދާއި، ކުރީގެ ނައިބް ރައީސް ޑރ.ޖަމީލްވެސް ވަނީ ގުޅިވަޑައިގެންފައެވެ. އިދިކޮޅު ކޯލިޝަނުން ވަނީ ރާއްޖޭގައި މާދަމާ ރައީސް ޔާމީނަށް ބައިވެރި ވެވޭ ގޮތަށް އިންތިޚާބެއް ބޭއްވިޔަސް ރައީސް ޔާމީން އެ އިންތިޚާބެއް ފަސޭހަކަމާއިއެކު ކާމިޔާބު ކުރާނެކަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ