ކުރީގެ ކޮންޓްރޯލަރ ޝަމްއާންގެ މައްޗަށް ކުރެވޭ ތުހުމަތު: އަނބިކަނބަލުންގެ ފޯނާއި ދެ މުވައްޒަފެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ކުރީގެ ކޮންޓްރޯލަރ ޝަމްއާންގެ މައްޗަށް ކުރެވޭ ތުހުމަތު: އަނބިކަނބަލުންގެ ފޯނާއި ދެ މުވައްޒަފެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

Author
ހުސައިން
23 މާރޗް 2025 01:57
0

ކުރީގެ ކޮންޓްރޯލަރ ޝަމްއާންގެ މައްޗަށް ކުރެވޭ ތުހުމަތަކާއި ގުޅިގެން އޭނާގެ އަނބިކަނބަލުންގެ ފޯނާއި، އިމިގްރޭޝަންގެ ދެ މުވައްޒަފެއްގެ ޕާސްޕޯޓު ހިފަހައްޓައިފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ދެއްވި މައުލޫމާތުގައިވާ ގޮތުން، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިމިގްރޭޝަންގެ ދެ މުވައްޒަފަކު ވަނީ ފުރުން މަނާކޮށްފައެވެ.

"އޭގެ އިތުރުން ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ އާއިލާ މެންބަރެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ" ކަމަށް ފުލުހުން މީޑިއާއަށް ބަޔާންދެއްވިއެވެ.

ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުން، ގިނަ އަދަދެއްގެ ފައިސާޔާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންތަކެއްގެ ތެރެއިން ބިދޭސީއަކު ދޫކޮށްލައި އަދި އެ ބިދޭސީ މީހާ އަތުން ބައިލައްކައެއްހާ ރުފިޔާ ހޯދައި އެ ފައިސާ ޝަމްއާން ދިރިއުޅޭ ގެއަށް ގެންގޮސްފައިވާކަމަށް ތުހުމަތުކުރެވެއެވެ.

މި މައްސަލައާ ގުޅިގެން ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ތިން މުވައްޒަފަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރެވުނު މީހުންގެ ކޯޓަށް ހާޒިރުކުރުމުން، ޝަމްއާންގެ ބަންދަށް 15 ދުވަސް އަދި އަނެއް ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ދީފިއެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގު ފުޅާ ދާއިރާއެއްގައި ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.