ރަމަޟާންމަހުގެ ތެރޭގައި މީހަކު އިސްލާމްވެއްޖެނަމަ އޭގެ ކުރީގެ ދުވަސްތަކުގެ ރޯދަ ގަޟާކުރާން ޖެހެނެތަ؟

ރަމަޟާންމަހުގެ ތެރޭގައި މީހަކު އިސްލާމްވެއްޖެނަމަ އޭގެ ކުރީގެ ދުވަސްތަކުގެ ރޯދަ ގަޟާކުރާން ޖެހެނެތަ؟

Author
ޑރ. މުޙައްމަދު ޢިޔާޒް ޢަބްދުއްލަތީފް
22 މާރޗް 2025 07:50
0

ކާފިރުން ރޯދަހިފާކަށް ނުޖެހެއެވެ. އަދި ރޯދަހިފި ނަމަވެސް އެކަން ގަބޫލެއް ނުކުރައްވާނެއެވެ. ސަބަބަކީ އެބައިމީހުންނަކީ އަޅުކަން ކުރުމުގެ އަހްލުވެރި ބަޔަކަށް ނުވުމެވެ. ރަމަޟާންމަހުގެ ތެރޭގައި މީހަކު އިސްލާމްވެއްޖެނަމަ އޭގެ ކުރީގެ ދުވަސްތަކުގެ ރޯދަ ގަޟާކުރާކަށް ނުޖެހޭނެއެވެ. ސޫރަތުލް އަންފާލްގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. ( قُل لِّلَّذِينَ كَفَرُوا إِن يَنتَهُوا يُغْفَرْ لَهُم مَّا قَدْ سَلَفَ ) މާނައަކީ: " كافر ވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން (ހަނގުރާމަކުރުމާއި، كافر ކަން) ހުއްޓާލައިފިނަމަ، އެއުރެންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާހުށްޓެވެ."

ދުވަހުގެ މެދުތެރެއިން އިސްލާމްވެއްޖެނަމަ އެދުވަހުގެ ބާކީބައިގާ ނުކައި ނުބޮއި ހުންނަން ޖެހޭނެއެވެ. ސަބަބަކީ އޭނާ އިސްލާމްވުމާއި ހަމައިން ރޯދަހިފުން ވާޖިބު މީހަކަށްވީތީވެއެވެ. ނަމަވެސް، އެދުވަހުގެ ރޯދަ ގަޟާކުރާކަށް ނުޖެހޭނެއެވެ. ސަބަބަކީ އެދުވަހުގެ ފަޖްރުގެ ވަގުތުވީ އިރު އޭނާއަކީ ރޯދަހިފުން ވާޖިބު މީހަކަށް (މުސްލިމަކަށް) ނުވާތީވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.