ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމަށް ސީލައިފް ގްލޯބިންއާއެކު އެޗްޑީސީން ވެފައިވާ އެއްބަސްވުން ބާޠިލުކޮށްފައިވަނީ ރަނގަޅަށްކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ހުކުމްގައި ސީލައިފްއާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކުރުމުގައި އެއްވެސް ގޯހެއް ނެތްކަމަށް ކަނޑައަޅައި، އަދި އެކުންފުންޏަށް އެއްވެސް ބަދަލެއް ދޭންނުޖެހޭކަމަށް ވެސް ނިންމާފައިވާކަމަށެވެ.
ސީލައިފްއާއެކު އެޗްޑީސީން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2014 ވަނަ އަހަރުގެ މާރިޗު މަހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް، މި މަޝްރޫޢުގެ ތެރެއިން އެއްބަސްވުމާ ޚިލާފަށް ބޮޑެތި މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެޗްޑީސީން އެ އެއްބަސްވުން ބާޠިލުކުރިއެވެ.
އެޗްޑީސީން އިތުރަށް ފާހަގަކޮށްފައިވަނީ "ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫޢުތަކުގެ އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާ މެދުގައި މި ކޯޕަރޭޝަނުން އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި" ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެޗްޑީސީން މިއަދު ވަނީ ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްޤީކުރަން ފެށި 'ދަ ގާޑެންސް' ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް އެކި ފަހަރުމަތިން ނޯޓިސް ދިނުމަށްފަހު، އެ މަސައްކަތް ނިންމާފައިނުވާތީ، އެ އެއްބަސްވުން ވެސް ބާޠިލުކޮށް، އެތަން އަތުލަން ނިންމާފައެވެ.