ރާއްޖޭގެ މާލީ ހާލަތު ދަތިވަމުންދާކަން ފާހަގަކުރެވިއްޖެއެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ސަރުކާރުން ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީގެ ބޮޑު ބައެއް ނުލިބޭކަން ހާމަވެއްޖެއެވެ. އަދި މި އަހަރުގެ ބަޖެޓުގައި ހިމެނުނު ހިލޭ އެހީއާއި ލޯނުގެ 96 އިންސައްތަ ވެސް މިހާތަނަށް ލިބިފައިނުވާކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހާމަކުރި މަޢުލޫމާތުން އެނގޭގޮތުގައި، ސަރުކާރުން ފެބްރުއަރީ 27 ވަނަ ދުވަހާ ހަމައަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 9.1 ބިލިއަން ރުފިޔާގެ ތެރެއިން ލިބިފައިވަނީ 5.5 ބިލިއަން ރުފިޔާއެވެ. މިއީ އަންދާޒާކުރި ވަރަށްވުރެ 3.6 ބިލިއަން ރުފިޔާ ނުވަތަ 39.5 އިންސައްތަ މަދު އަދަދެކެވެ.
ހަމައެހެންމެ، އެ މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި 408 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ލިބިފައިވަނީ އެންމެ 40 މިލިއަން ރުފިޔާއެވެ. މިއީ 368 މިލިއަން ރުފިޔާގެ ނުވަތަ 90 އިންސައްތައިގެ ދަށްވުމެކެވެ. އަދި ބޭރުގެ ލޯނުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 664 މިލިއަން ރުފިޔާގެ ތެރެއިން ލިބިފައިވަނީ އެންމެ 300,000 ރުފިޔާއެވެ. މިއީ 663.7 މިލިއަން ރުފިޔާގެ ނުވަތަ 99.95 އިންސައްތައިގެ ދަށްވުމެކެވެ.
އަޒާން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް އެދުނު ގޮތަށް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވަގުތުން ތަންފީޒުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
ދައުލަތުގެ އާމްދަނީ ދަށްވި ސަބަބާ ބެހޭގޮތުން ކުރިން ނޫސްވެރިން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާ ސުވާލުކުރިނަމަވެސް، އާމްދަނީ ދަށްވާން މެދުވެރިވި ސީދާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުން، ސަރުކާރުން ހުޅުމާލެއިން އެމްއެމްއޭއަށް ބޮޑު ބިމެއް ވިއްކައިގެން 15 ބިލިއަން ރުފިޔާ ނެގުމަށް މަސައްކަތްކުރާކަން ވަނީ ކަށަވަރުވެފައެވެ. އިޤްތިޞާދީ ދާއިރާގެ މާހިރުން ވިދާޅުވާގޮތުގައި އެމްއެމްއޭގައި ހުންނަ ފައިސާ އިޤްތިޞާދަށް ނެރުމަކީ ފައިސާ ޗާޕުކުރުމާ އެއްފަދަ ކަމެކެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ބޭރުގެ މާލީ އިދާރާތަކުން ބުނަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. މިދިޔަ މަހު އައިއެމްއެފުން ރާއްޖެއާ ބެހޭގޮތުން ނެރުނު ރިޕޯޓުގައި ވެސް ވަނީ މި ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި އަހަރަށް ސަރުކާރުން 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅީ ޚަރަދުން 7.7 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކޮށްފައެވެ. ނަމަވެސް، ޚަރަދު ކުޑަކުރަން އަޅާނެ ކަމަށް އިޢުލާންކުރި ފިޔަވަޅުތައް ތަންފީޒުނުވާކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.