ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތި މީހުން ދިވެހި ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ފޮނުވުމުގެ ޕްރޮގްރާމުގެ ދަށުން މި އަހަރު ހައްޖަށް ފޮނުވާނެ 50 ފަގީރުންގެ ނަންތައް މިއަދު ގުރުއަތުން ކަނޑައަޅައިފިއެވެ.
އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނެގުނު ގުރުއަތުގައި ފަގީރުންގެ ދަފްތަރުގައި ތިބި، އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 667 މީހުންގެ ތެރެއިން 50 މީހުން ހޮވިއްޖެއެވެ. މީގެ އިތުރުން، ހައްޖަށް ނުދެވޭ ހާލަތެއް ފުރަތަމަ ހޮވުނު 50 މީހުންގެ ތެރެއިން މީހަކަށް މެދުވެރިވެއްޖެ ނަމަ ފުރުސަތު ދިނުމަށް އިތުރު 10 މީހުންގެ ނަންވެސް ގުރުއަތުން ނަގާފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ދައުލަތުގެ ހަރަދުގައި ފަގީރުން ހިލޭ ހައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރުއެވެ. އޭރު 50 މީހުން ވަނީ ފޮނުވާފައެވެ. ނަމަވެސް މިދިޔަ އަހަރު ރަނގަޅު އާމްދަނީއެއް ލިބޭ މީހަކު ފަގީރުންގެ ލިސްޓުގައި އޮވެ، ހައްޖަށް ފޮނުވި މައްސަލައެއް ފެންމަތިވުމާ ގުޅިގެން މި އަހަރު ފަގީރުންގެ ލިސްޓު އަލުން މުރާޖައާ ކޮށްފައިވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި ފަހަރު ލިސްޓުގައި ތިބި މީހުންނަކީ ފަގީރުންގެ ތެރެއިން ހައްޖަށް ގެންދިއުމަށް ޝަރުތު ހަމަވާ މީހުންތޯ ރަށްރަށުގެ ކައުންސިލްތަކުން ޔަގީން ކޮށްފައިވާކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރު އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް އަދި ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން ތިބިކަމަށާއި އޭގެ ތެރެއިން 667 މީހުންނަކީ ޝަރުތު ހަމަވާ ބައެއްކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި ހައްޖަށް ފުރަން މާލެ އައިސް ތިބޭ ތަނަށް ދައްކަންޖެހޭ ފައިސާ ވެސް ސަރުކާރުން ދައްކައިދެއެވެ.
ކޮމެންޓު ފޮނުވާ