ދިވެހިރާއްޖޭގެ ޓެކްސް ދައްކާ އިދާރާ މީރާއަށް 2025 ވަނަ އަހަރުގެ ފެބުރުއަރީ މަހު ލިބުނު އާމްދަނީ، މިދިޔަ އަހަރާ އަޅާބަލާއިރު 5.4% އިން އިތުރުވެއްޖެއެވެ. މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފެބުރުއަރީ މަހު މީރާއަށް އާމްދަނީގެ ގޮތުގައި ޖުމްލަ 2.47 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިއަދަދަކީ ފެބުރުއަރީ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5.1% އިތުރު އަދަދެކެވެ.
ފެބުރުއަރީ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. މިގޮތުން ޖީއެސްޓީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 401.4 މިލިއަން ރުފިޔާއެވެ.
އަދި މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 307.2 މިލިއަން ރުފިޔާ، ގްރީން ޓެކުހުގެ ގޮތުގައި 149.7 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 102.4 މިލިއަން ރުފިޔާ އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 98.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މި މުއްދަތުގައި މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 118 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
މީރާއިން ވިދާޅުވީ، މިދިޔަ އަހަރުގެ ފެބުރުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ ބަލައިގަންނަން ފެށުމާއި، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވުމެވެ.
މީގެ އިތުރުން، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން، ފެބުރުއަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައިވުމަކީވެސް، މިމުއްދަތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބެކެވެ.