ރައީސް ރަސްފަންނަށް ޒިޔާރަތްކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ބައްލަވާލައްވައިފި

ރައީސް ރަސްފަންނަށް ޒިޔާރަތްކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ބައްލަވާލައްވައިފި

Author
ހުސައިން
06 މާރޗް 2025 11:25
0

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްފަންނަށް ޒިޔާރަތްކުރައްވައި، އެތަނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ރަސްފަންނަކީ ހިތްފަސޭހަ ތަނަކަށް ހެއްދެވުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކުގެ ތަފްސީލު ރައީސް ހޯއްދަވާފައި ވެއެވެ.

ސަރުކާރުން މި މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ރައީސް ރަސްފަންނަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ ޙާލަތު ވަޒަންކުރެއްވުމަށްފަހުގައެވެ. އޭރު ރައީސް ވިދާޅުވެފައިވަނީ ރަސްފަންނާއި ސަލްޓަންޕާކްގެ ޙާލަތު ފެނިވަޑައިގެންނެވުމުން ހިތާމަކުރައްވާ ކަމަށެވެ.

"ރަސްފަންނާއި ސަލްޓަންޕާކަކީ ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭ ދެތަން ކަމަށް ވުމާއެކު، އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދެއްވައި އަދި ކުރިޔަށްވުރެވެސް އެދެތަން ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ" ކަމުގައި އޭރު ރައީސް ހާމަކުރެއްވިއެވެ.

މިހާތަނަށް ވަގުތީ ގޮތުން ރަސްފަންނު ބޭނުންކުރެވޭ ޙާލަތަށް ގެނައުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި:

  • ރަސްފަންނުގެ މޫދުން ކިސަޑު ނަގައި ގޮނޑުދޮށުން ގިރައިގެންގޮސްފައިވާ ސަރަޙައްދަށް އަލުން ދޮންވެލިލައި އެއްވަރުކުރުން
  • ވީރާނާވެފައި ހުރި ހަޓުތަކުގެ ފުރާޅާއި މޭޒާއި ގޮނޑިތައް އަލުން މަރާމާތުކުރުން
  • ހަލާކުވެފައި ހުރި ފެންވަރާ މާގަނޑުތައް ރަނގަޅުކުރުން

ރަސްފަންނަކީ ކުރިއަށްވުރެ ފުރިހަމަ ތަނަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އިރުޝާދުގެ ދަށުން، ރަމަޟާން މަސް ނިމުމާއެކު ބައެއް އިތުރު މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި:

  • ރަސްފަންނު ބޭނުންކުރާ ފަރާތްތަކަށް ފާހާނާ ބަރިއެއް ޤާއިމުކުރުން
  • މަސްބޭނުމަށް މިހާރުވެސް ބޭނުންކުރަމުންދާ ޕްލެޓްފޯމް އާބާތުރަފިލުވައި އަލުން ތަރައްޤީކުރުން

މީގެއިތުރުން، ރަސްފަންނާއި ސަލްޓަންޕާކަށް ދާއިމީ ޙައްލުތަކެއް ގެނައުމަށް އަލުން ތަރައްޤީކުރުމުގެ ޕްލޭންތަކެއް ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރިއަށް ގެންދަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.