ސްޓެލްކޯއިން ގާތްގާތުގައި ދެ ކަރަންޓު ބިލެއް ފޮނުވަނީ ރޯދަމަހުގެ ޑިސްކައުންޓު ފުރިހަމައަށް ދިނުމަށް ކަމަށާއި، ފަހުން ފޮނުވި ބިލު ދެއްކުމަށް އިތުރު މުއްދަތެއް ދެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ރޯދަމަހުގައިވެސް ކަރަންޓު ބިލުން ޑިސްކައުންޓު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ސްޓެލްކޯއިން ވަނީ ރޯދަމަހަށް ވަކި ކަރަންޓު ބިލެއް ތައްޔާރުކޮށް، އެ ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ ކަމަށް އިޢުލާނުކޮށްފައެވެ.
ރޯދަމަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ފެބުރުވަރީ މަހުގެ ބިލު ވަނީ ކުރިން ފޮނުވާފައެވެ. އެހެންކަމުން ޖަނަވަރީ އަދި ފެބުރުވަރީ މަހުގެ ބިލުތައް ގާތްގާތުގައި އައުމާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ 75 އަހަރުގެ ގައުމީ ޚިދުމަތުގެ ރެކޯޑެއް އޮތް ކުންފުންޏެއް ކަމަށާއި، އެ ކުންފުނިން ރައްޔިތުންނަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެކަން ޔަގީންކުރައްވައެވެ.
ގާތްގާތުގައި ދެ ބިލެއް ފޮނުވާ ވާހަކައަކީ މީޑިއާތައް މެދުވެރިކޮށް ކުރިންވެސް ހާމަކަން ބޮޑު ގޮތެއްގައި ދައްކާފައިވާ ވާހަކައެއް ކަމަށާއި، އެއީ ކަސްޓަމަރުންގެ މަންފާއަށްޓަކައި ނިންމި ނިންމުމެއް ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
"މި ފޮނުވާފައިވާ ބިލަކީ މީގެ ކުރިން ސްޓެލްކޯގެ ބިލިންގ ސައިކަލްގައި ހިމެނޭ ރީޑިންގ ނެގުމަށްފަހު ބިލް ޑެލިވަރީ ކުރުމުގައި އުޅޭ 20 ނުވަތަ 25 ދުވަހުގެ ޑިލޭގެ ބެކްލޮގް ފިލުވާލުމަށް ފޮނުވާ ބިލެއް،" ފަހުމީ ވިދާޅުވިއެވެ.
ކަސްޓަމަރުންނަށް ދިމާވެދާނެ މާލީ ދަތިތައް ފިލުވުމަށްޓަކައި ޖޫރިމަނާއެއް ނެތި އެންމެ ފަހުން ފޮނުވި ބިލު ދެއްކުމަށް 30 ދުވަހުގެ އިތުރު މުއްދަތެއް ދީފައިވާ ކަމަށްވެސް ފަހުމީ ފާހަގަކުރެއްވިއެވެ.
މި ބިލު ފޮނުވުމުގެ މަގުސަދުތަކުގެ ތެރޭގައި ރޯދަމަހުގެ ބިލަކީ ސީދާ މި މަހު ބޭނުންކުރާ ކަރަންޓަށް ބަލައި ތައްޔާރުކުރާ ބިލެއްކަން ކަށަވަރުކުރުން ހިމެނޭ ކަމަށް ފަހުމީ ވިދާޅުވިއެވެ. "މީގެ ކުރިން ދެންނެވި ބެކްލޮގާއެކު އެ ބިލު ފޮނުވާނަމަ ޑިސްކައުންޓް ލިބޭނީ ރޯދަމަހުގެ ޔޫސޭޖްގެ އެއްބަޔަށް. އެހެންކަމުން ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ހޯދައިދިނުމަކީ މީގެ އެއް މަގުސަދު" ކަމަށް އޭނާ ވިދާޅުވިއެވެ.
ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން މަހެއްގެ ފަހު ހަފުތާގައި ރީޑިންގ ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު ބިލު ފޮނުވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. މިއިން ކަސްޓަމަރުންނަށް ބިލުގައިވާ ރީޑިންގއާއި މީޓަރާ އަޅާކިޔުމުގެ ފުރުސަތު ލިބި، ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް އިތުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރޯދަމަހުގައި ކަރަންޓާއި ފެނުގެ ބިލު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ރައީސްގެ ވައުދުފުޅެކެވެ. އެގޮތުން ކަރަންޓާ އެއްގޮތަށް ފެނުގެ ބިލުންވެސް މިދިޔަ އަހަރެކޭ އެއްގޮތަށް ޑިސްކައުންޓް ދޭނެކަން ރައީސް އިޢުލާނުކުރެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.