ލ. ފޮނަދޫގައި ޤާއިމްކޮށްފައިވާ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ރަށުން ފެން ކެނޑިފައިވާކަމަށް ކައުންސިލުގެ ރައީސް އަޙްމަދު ރިޔާޒު ވިދާޅުވެއްޖެއެވެ.
ކައުންސިލުގެ ރައީސް އަޙްމަދު ރިޔާޒު ވިދާޅުވީ ފެން ޕްލާންޓަށް މައްސަލަ ދިމާވެ، ފެން އުފެއްދުން މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހުއްޓިފައިވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މިކަން ފެނަކައަށް މިދިޔަ ހަފްތާއިން ފެށިގެން އަންގާފައިވެއެވެ.
"ފެން ޕްލާންޓުގައި ރައްކާކޮށްފައި ހުރި ފެންތައް ވެސް މިހާރު ވަނީ ހުސްވެފައި," ރިޔާޒު ވިދާޅުވިއެވެ. "އެހެންވީމާ، ޕްލާންޓު ފެން ބޭނުންކުރާ ފަރާތްތަކަށް އޭގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވޭ." ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރިޔާޒު ވިދާޅުވިއެވެ.
3,000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ފޮނަދޫގައި ގިނަ ގޭބިސީތަކުގައި ދެ ވައްތަރުގެ ފެން ލިބެއެވެ. ރިޔާޒު ވިދާޅުވިގޮތުގައި ރޭ ދަންވަރުން ފެށިގެން ޕްލާންޓު ފެން ލިބުން ހުއްޓިފައިވާއިރު، ބައެއް ގެތަކަށް އޭގެ ދަތިކަން ކުރިމަތިވެފައިވެއެވެ.
"މޯޓަރު ބަހައްޓައިގެން އުޅޭ މީހުންނަށް ފެން ލިބޭނެ. ގިނަ ގޭބިސީތަކަށް ދެ ވައްތަރުގެ ފެން ލިބޭ. އެކަމަކު މަދު ބަޔަކު ތިބޭނީ ހަމައެކަނި ޕްލާންޓު ފެނަށް ބަރޯސާވެފައި," އޭނާ ވިދާޅުވެފައި ވެއެވެ.
ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފޮނަދޫގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ކުންފުނިން ބޭނުންކުރަމުންދާ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފެނުގެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.
ފެން ޕްލާންޓު މަރާމާތުކުރުމަށް ބޭނުންވާ ތަކެތި މާލެއިން އެ ރަށަށް މިރޭ ފޮނުވައި މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.