މެންބަރުން ގޮނޑި ގެއްލުވާ ނުލެވޭނެކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަަހަޅައިފި

މެންބަރުން ގޮނޑި ގެއްލުވާ ނުލެވޭނެކަމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަަހަޅައިފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ސިޔާސީ ޕާޓީތަކަށް ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުން ދަނިކޮށް، މައްސަލަ ބަލައި ނިމެންދެން އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލުވާލެވޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދެއްވުމަށް އެ ކޯޓުގައި މިއަދު އެދިއްޖެއެވެ.

ވަގުތީ އަމުރަށް އެދިލެއްވީ، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިންއެވެ. އޭނާގެ ހުށަހެޅުއްވީ، މައްސަލަ ނިމެންދެން މެންބަރަކު މަގާމުން ވަކިކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް ދައުލަތުގެ ހުރިހާ އިދާރާތަކަށް އަމުރުކޮށްދިނުމެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ކޯޓަށް މައްސަލަ ބެލޭނެކަމަށް ނިންމައިފައެވެ. މި ނިންމުން ނިންމެވީ، އިޖުރާއީ ގޮތުން މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށް ބުނެ މައްސަލަ ބޭރުކޮށްލުމަށް ދައުލަތުން އެދުނުނަމަވެސްއެވެ.

"އަލީ ހުސައިން ވާސަސް އެޓާނީ ޖެނެރަލްގެ އޮފީހުގެ މައްސަލަ ކުރިއަށްގެންދިޔުމާމެދު ފަނޑިޔާރުން ކުރެއްވި މަޝްވަރާއަށްފަހު، ފަނޑިޔާރުން ނިންމަވާފައިވަނީ މައްސަލަ ކުރިއަށްގެންދިޔުމަށް އަދި މި މައްސަލާގައި ހުށަހެޅި އިޖުރާއީ އިއުތިރާޒާމެދު ފަނޑިޔާރުން ދެކޭގޮތް މައްސަލަ ނިންމުމުގައި ހިމެނުމަށް،" އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އެ ދުވަހު ވިދާޅުވިއެވެ.

މައްސަލަ ބެލޭނެކަމަށް ނިންމުމަށްފަހު، ދައުލަތުގެ އެދުމަށް ދައުވާއަށް ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ވާހަކަދެއްކެވުމުގައި، އަލީ ހުސެއިންގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ ގޮނޑި ގެއްލުވައިލުމުގެ ބާރު ޕާޓީތަކަށް ލިބޭގޮތަށް ގެނައި އިޞްލާޙަކީ ޤާނޫނުއަސާސީއާ ޚިލާފުވުމުގެ އިތުރުން، ރިޔާސީ ނިޒާމުގެ ސިފައެއްވެސް ނޫންކަމަށެވެ.

އެ މައްސަލައިގައި ބުނެފައިވަނީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލަކީ، ޤާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމިއޮތުމުގެ އަސާސާއި، ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެމަތިން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގަންވާނެކަމަށް ޤާނޫނުއަސާސީގެ އަށްވަނަ މާއްދާގައި އޮންނަ އަސާސާ ޚިލާފުކަމަށެވެ.

ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމިއޮތުމަށް ޤާނޫނުއަސާސީގެ ފަސްވަނަ މާއްދާއިން ކަނޑައަޅާފައިވާ ދުސްތޫރީ ހަމަތަކާވެސް އެ އިޞްލާޙު ޚިލާފުކަމަށް އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

އޭގެއިތުރުން، އަލީ ހުސެއިން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙަކީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި، 75 ވަނަ މާއްދާއާއި، 90 ވަނަ މާއްދާއާވެސް ފުށުއަރާކަމަށާއި، އެ އިޞްލާޙުގެ ސަބަބުން ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ