ހުޅުމާލޭގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކުރަމުންދާ 4،000 ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އަންނަ ހަފްތާގައި އާންމުކުރުމަށް ހައުސިންގ މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.
މިކަން މިނިސްޓްރީގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ، މިވަގުތު ކުރިއަށްދަނީ ލިސްޓު ވެރިފައިކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އަދި އެ މަސައްކަތްތައް ނިމުމާއެކު އަންނަ ހަފްތާގައި ލިސްޓު އާންމުކުރެވޭނެ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
މި ފްލެޓްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު މިމަހުގެ ތެރޭގައި އިއުލާންކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައެވެ. އަދި ލިސްޓު އިއުލާންކުރެއްވުމަށްފަހު، ފްލެޓްތައް ނިމެމުންދާ ވަރަކަށް ފްލެޓް ލިބޭ ފަރާތްތަކާ ހަވާލުކުރައްވަމުން ގެންދަވާނެ ކަމަށާއި، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކުރެއްވުމުގެ މަސައްކަތް ނިންމަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.