އިސްރަށްވެހިންގެ ނާދީއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އިސްރަށްވެހިންނަށް ހާއްސަ ކާޑެއް ތައާރަފްކުރެވިއްޖެއެވެ. މި ކާޑަކީ ކިއުގައި ނުޖެހި ހިދުމަތް ހޯދުމަށާއި ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ކާޑެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ސާޖިޒާ މުހައްމަދު ތައާރަފްކޮށްދެއްވި މި ކާޑަކީ އިސްރަށްވެހިންގެ ނާދީ އާ ގުޅިފައިވާ ތަންތަނުން ޑޮކްޓަރަށް ދެއްކުމަށް ފަސޭހަވެ، ކްލިނިކްތަކުން ޑިސްކައުންޓް ލިބޭނެ ކާޑެކެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރުގެ ނައިބު މަރިޔަމް ލަހުފާ ހަލީލް ވިދާޅުވިގޮތުގައި މިހާރުވެސް އައިކެއާ އަދި ދިވެހި ބޭހާ ބެހޭ ކްލިނިކަކާއެކު އެއްބަސްވުމެއްގައި ސޮއިކުރެވި، އެކަން ރަސްމީކޮށް އަންގާނެކަމަށް ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތްތަނުގައި އިތުރު ވިޔަފާރިތަކުން ޑިސްކައުންޓް ހަމަޖެއްސުމަށް އެ ވިޔަފާރިތަކުގެ ވެރިންނާ މަޝްވަރާކުރަމުންދާ ކަމަށާއި، މި ކާޑު ބޭނުންކޮށްގެން އިސްރަށްވެހިންނަށް އެކި ވިޔަފާރިތަކުން ޑިސްކައުންޓް ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. މާދަމާއިން ފެށިގެން އިސްރަށްވެހިންގެ ނާދީގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ މެންބަރުންނަށް މި ކާޑު ލިބޭނެއެވެ. އަދި 55 އަހަރުން މަތީގެ އެހެން ފަރާތްތަކަށްވެސް ނާދީގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.