މާލީ ދަތިތަކުން އަރައިގަތުމަށް ރައީސްގެ އިސްނެގުމާއި އެއްބާރުލުން ކޮންމެހެން މުހިންމު ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ މިހާރުގެ ނިޒާމުގައި އިސްލާހީ ބަދަލުތައް ގެނައުމުގެ އެންމެހައި ބާރުތައް ލިބިވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ގާސިމް އިބުރާހިމް ފާހަގަކުރެއްވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމުގައި މިހާ ގިނަ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ދޫކޮށްލާފައި އޮތުމުގެ ސަބަބުން، ކޮންމެ ސަރުކާރެއްގައިވެސް ދައުލަތުގެ ޚަރަދުތައް އިތުރުވަމުންދާނެއެވެ. މިކަމާ ގުޅިގެން ގާސިމް ވިދާޅުވީ ކޮމިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް، ގައުމުގެ މާލީ ހާލަތާއި ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް މަޝްވަރާކުރުމަކީ މުހިންމުކަމެއް ކަމަށެވެ.
ގާނޫނުގައި އޮތަސް ނެތަސް ކުރާނެ. އަޅުގަނޑުމެން މައިބަދައިގައި ވަރު ހުރެގެންހޭ އަޅުގަނޑުމެން މި ވާހަކަ މި ދައްކަނީ. އަޅުގަނޑަކަށް ހިޔެއް ނުވޭ. އަޅުގަނޑުމެން ޖެހޭނީ ތި ވާހަކަ ދައްކަން ފުރަތަމަ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަރިހުގައި. ކޮމިޓީން (ރައީސް) އަރިހަށް ދާން. ގޮއްސަ ދަންނަވަން ގައުމުގައި ހުރި މައްސަލަތަކުގެ ވާހަކަ. ގޮއްސަ އެނގެން ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ އެއްޗެއް.
ގާސިމް ވިދާޅުވިއެވެ.
ޕެންޝަނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ދައުލަތުގެ މުއައްސަސާތަކުން ރިޓަޔަރ ކުރައްވާ ބޭފުޅުންނަށް ޑަބަލް ޕެންޝަން ލިބިވަޑައިގަންނަވާ ނަމަ، އެކަމަކީ ދައުލަތުގެ ޚަރަދުތައް ހިފެހެއްޓުމަށް ހުރަސްއެޅޭނެ ކަމެއްކަން ގާސިމް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ސިންގަޕޫރުގެ ކުރީގެ ބޮޑުވަޒީރު ލީ ކުއަން ޔޫގެ މިސާލު ދެއްވަމުން، ގައުމެއް ތަރައްގީވުމަށް ވެރިޔާގެ ވިސްނުމާއި އެއްގޮތަށް މަސައްކަތްކުރާނެ ބަޔަކު ތިބުން މުހިންމުކަންވެސް ގާސިމް ފާހަގަކުރެއްވިއެވެ.
މި ކޮމިޓީއަށް ބާރު އެބަ އޮތޭ ކިޔައިގެން ވާހަކަ ދައްކައިގެން އެކަމެއް ކުރަން ނިންމިޔަކަސް ނުދާނެ އިނގޭތޯ. އެކަން މިއަދު ދާނީ ރައީސުލްޖުމްހޫރިއްޔާގެ އެހީތެރިކަމާއި އެއްބާރުލުން ލިބި, އޭނަ ބޭނުންފުޅުވާ ގޮތަކަށް މަސައްކަތް ކުރުމުގެ ވިސްނުމާއި އަޒުމާ އަޅުގަނޑުމެންގެ ހުރެގެން. ނޫން ގޮތަކަށް މި ކަމެއް ނުކުރެވޭނެ.
ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި މިފަދަ އިސްލާހީ ބަދަލުތަކެއް ގެނެވޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އެއްބާރުލުމާއި އެހީތެރިކަމާއެކު، އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް މަސައްކަތްކުރުމުގެ ވިސްނުމާއި އަޒުމް ހުރެގެންނެވެ. މިއީ މިއަދުގެ ރައްޔިތުންގެ މަޖިލީހާއި އެހެނިހެން ބާރުތަކުގެ އޮނިގަނޑަށް ބަލާއިރުވެސް، ކަންކަން ހިނގާނެ ގޮތްކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ