ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވެފައިވާ ދަރަނި އަދާކޮށްފި އެވެ. މެމްބަރު ސިނާން ދަރަނި ދައްކާ ޚަލާސް ކޮށްފައި މިވަނީ އޭނާގެ މަޖިލިސް ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިފައިވަނިކޮށެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ސިނާނާއި އިތުރު ފަރާތްތަކަކާ ގުޅިގެން ނަގާފައިވާ 3,802,863.32 ރުފިޔާގެ ސޭލްސް އެންޑް ލީސްބެކް ފައިނޭންސިން ފެސިލިޓީގެ ފައިސާ ނުދެއްކުމުން، އެ މައްސަލަ ކޯޓަށް ހުށަހެޅިއެވެ. ކޯޓުން ވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ޚަލާސްކުރުމަށް ހުކުމްކޮށްފައެވެ. ނަމަވެސް ސިނާން ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން، އޭނާގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، އެ ހުކުމާ އެއްގޮތަށް ދަރަނި އަދާނުކުރާނަމަ، އެ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ. މި އުސޫލުގެ ދަށުން، ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2024-S2C-CIV-243 ގަޟިއްޔާގެ ހުކުމާ އެއްގޮތަށް ދަރަނި އަދާނުކުރުމުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާން މަޖިލީހުގެ މެންބަރުކަމުން ވަކިވާންޖެހޭ ހާލަތެއް މެދުވެރިވެއެވެ.
އެހެންނަމަވެސް އެނގިފައިވާ ގޮތުގައި، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ސިނާން ވަނީ އެމްއައިބީއަށް ދައްކަން ޖެހޭ ދަރަނީގެ ބައެއް ދައްކައިފައެވެ. އެހެންވެ، އެމްއައިބީން ވަނީ މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް އެދި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް އަނބުރާ ގެންގޮސްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ސިނާންގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލަ ރައްދުވަނީ އޭނާގެ އިތުރުން ސ. ހިތަދޫ، ވާދޫގެ، އަހުމަދު ވަހީދާއި އެ ރަށު، ވިހަލަގޮޑިމާގެ، މުޙައްމަދު ސަލީމަށެވެ.