ރާއްޖެ ވަޑައިގަތުމުގެ ދައުވަތު އިންޑިއާގެ ނައިބު ރައީސަށް ދެއްވައިފި

ރާއްޖެ ވަޑައިގަތުމުގެ ދައުވަތު އިންޑިއާގެ ނައިބު ރައީސަށް ދެއްވައިފި

ގުޅުންހުރި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި، އިންޑިއާގެ ނައިބު ރައީސް އަދި ރާޖްޔާ ސަބާގެ ޗެއަރމަން ޝްރީ ޖަގްދީޕް ދަންޚާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް މަޝްވަރާތައް ކުރެވުނެވެ.

މި ބައްދަލުވުމުގައި، ދެ ގައުމުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، އަދި ސަރަޙައްދީ ހަމަޖެހުން ދެމެހެއްޓުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ރާޖްޔާ ސަބާގެ ޗެއަރމަން ވަނީ އިންޑިއާއަކީ ދިވެހިރާއްޖެއިން އެހީއަށް އެދޭ ކޮންމެ ވަގުތެއްގައިވެސް އެހީތެރިވުމަށް ތައްޔާރަށް އޮންނަ ގައުމެއްކަން ފާހަގަކުރައްވާފައެވެ. އަދި މޯލްޑިވްސް-އިންޑިއާ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންނާއި ދިވެހި ވަފުދުގެ ހުރިހާ މެންބަރުންނަށް މަރުޙަބާ ދެންނެވުމާއެކު، ދެ ގައުމުގެ ދެމެދުގައިވާ އެކުވެރިކަން އަބަދުވެސް ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މި ބައްދަލުވުމުގައި، މަޖިލީހުގެ ރައީސް ވަނީ ރާޖްޔާ ސަބާގެ ޗެއަރމަންއަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވުމުގެ ދަޢުވަތު ވަނީ އަރުވާފައެވެ. މަޖިލިސް ރައީސްގެ މިދަތުރުފުޅުގެ އިތުރު ޙަރަކާތްތަކުގެ ތެރޭގައި، މިއަދު ހުމާޔުން ޓޫމްބަށް ޒިޔާރަތްކުރެއްވުމާއި، މާދަމާ ދިވެހި ވަފުދުގެ ބޭފުޅުން ތާޖް މަހަލް ބައްލަވައިލެއްވުމަށް އާގަރާއަށް ވަޑައިގަތުން ހިމެނެއެވެ. މި ދަތުރުފުޅު ނިންމަވައި ވަފުދުގެ ބޭފުޅުން އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 14 ފެބްރުއަރީ 2025 ވާ ހުކުރު ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ