3 ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ހަމަޖައްސަވަނީ

3 ގައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން ހަމަޖައްސަވަނީ

Author
ހުސައިން
12 ފެބްރުއަރީ 2025 10:54
0

ސްޓޭޓް އޮފް ބޫޓާން އާއި ސްޓޭޓް އޮފް ކުވެއިތް އަދި ސްވިސް ކޮންފިޑަރޭޝަނަށް ނޮން-ރެޒިޑެންޓް ސަފީރުންގެ ގޮތުގައި ތިން ބޭފުޅެއްގެ ނަން ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިގޮތުން ބޫޓާނަށް ކަނޑައަޅުއްވާ ސަފީރެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ މިހާރު ބަންގްލަދޭޝްގައި ހުންނެވި ދިވެހިރާއްޖޭގެ ސަފީރު، ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދެވެ. ކުވެއިތަށް ކަނޑައަޅުއްވާ ސަފީރެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ސައުދީ އަރަބިއްޔާގައި ހުންނެވި ދިވެހިރާއްޖޭގެ ސަފީރު، މ. ވެސްޓް ސައިޓް، އަޙްމަދު ސަރީރެވެ. އަދި ސްވިސް ކޮންފިޑަރޭޝަނަށް ކަނޑައަޅުއްވާ ސަފީރެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުތަކަށް ކަނޑައަޅުއްވާފައި ހުންނެވި ދާއިމީ މަންދޫބު، މ. ވިލާދޮށުގެ، ޑރ. ސަލްމާ ރަޝީދެވެ.

ޑރ. ސަލްމާ ރަޝީދަކީ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ދާއިރާއަށް ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި އަސްމާ ރަޝީދުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅެވެ.

ރައީސް ޑރ. މުޢިއްޒު މި ތިން ބޭފުޅުންނަށް ރުހުން ދެއްވުމާމެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި މި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.