ކުރީގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްގެން ހިންގަމުން ގެންދިޔަ އެންމެހާ އައިސްޕްލާންޓްތަކެއް މި މަހުގެ 15 ގެ ކުރިން މިފްކޯގެ ދަށަށް ބަދަލުކުރެވޭނެ ކަމަށް މިނިސްޓަރު އޮފް ފިޝަރީޒް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
މިކަން މިނިސްޓަރު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ ޖަވާބުގައި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރުމަކީ ވަރަށް ދެރަކޮށް ނިންމި ނިންމުމެކެވެ. އެއީ ފެނަކައިގައި އައިސްޕްލާންޓްތައް ހިންގުމުގެ ޤާބިލުކަން ނެތުމުގެ ސަބަބުންނެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ފެނަކައިގައި އައިސްޕްލާންޓްތަކާ ގުޅޭ އިންޖިނިއަރުންނާއި ރެފްރިޖަރޭޝަން ދާއިރާގެ މާހިރުން ނެތުމުގެ ސަބަބުން ގިނަ އައިސްޕްލާންޓްތަކަށް މައްސަލަ ޖެހުނެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބައެއް އައިސްޕްލާންޓްތައް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައެވެ. ނަމަވެސް، މިހާރު ވަނީ ގިނަ އައިސްޕްލާންޓްތަކެއް އަލުން އޮޕަރޭޝަނަށް ގެނެވިފައެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ފެނަކައިގެ ދަށުގައި ހުރި ހުރިހާ އައިސްޕްލާންޓެއް މިފްކޯގެ ދަށަށް ބަދަލު ކުރުމަށެވެ.